ނިރުބަވެރިން ޣައްޒާއިން ސުންނާފަތި ކޮށްލި މިސްކިތްތަކުގެ އަދަދު 60 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ވަފާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށުނު މި ހަނގުރާމައިގެ ތެރެއިން ނިރުބަވެރިން އެންމެ ފަހުން ސުންނާފަތި ކޮށްލާފައިވާ ޣައްޒާގެ އިތުރުގައި އޮންނަ ސަބްރާ ސަރަހައްދުގައި ހުންނަ އަލް-ސަލާމް މިސްކިތެވެ. މިއާއި އެކީ ހަނގުރާމަ ފެށުނު ފަހުން ނިރުބަވެރިން ސުންނާފަތި ކޮށްލާފައިވާ މިސްކިތްތަކުގެ އަދަދު 60 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އެނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ.

ނިރުބަވެރި ޣައްޒާގެ މިސްކިތްތައް ސުންނާފަތިކޮށް، މުސްލިމުން ޝަހީދު ކުރަމުން އަންނަތާ އެތަކެއް އަހަރުތަކެއް ވަނީ ވެފައެވެ. ނަމަވެސް މިހާރު ފެށިފައިވާ ހަނގުރާމައަކީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން ނިރުބަވެރިންނާއި ދެކޮޅަށް ދިން ހަމަލާތަކުގެ ސަބަބުން ފެށިފައިވާ ހަނގުރާމައެކެވެ.

މިހަނގުރާމައިގެ ތެރެއިން ނިރުބަވެރިން އަންނަނީ ޣައްޒާގެ ރައްޔިތުންނަށް ހަމަލާ ދިނުމަށް އެރައްޔިތުން އެންމެ ގިނައިން ޖަމާވާ ސަރަހައްދުތަކަށް ހަމަލާދެމުންނެވެ. އެގޮތުން ސްކޫލްތަކާއި، މިސްކިތްތަކުގެ އިތުރުން، ރެފިއުޖީ ކޭމްޕްތަކާއި ހޮސްޕިޓަލްތައް ހިމެނޭހެން ނިރުބަވެރިން އަންނަނީ ކޮންމެ ދުވަހަކު ގޮތަކަށް ހަމަލާ ދެމުންނެވެ.

މިހަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާއިން 11،000 އަށްވުރެ ގިނަ މީހަކު ޝަހީދު ނުވަތަ މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    އިސްލާމީވެރިން ގަސްތުގަ ފުރުސަތުދީގެން ކޮންޓްރެކްޓުއުސޫލުން ޔަހޫދީންލައްވާ ކުރުވާކަމެއް. މިސްކިތްތަށް ތަޅާ ނަގާ ސާފުކުރުމަށް އިސްލާމީ ގައުމުތަކުން ފަންޑުކުރޭ!!

    • އޮއިވާލި

      އެއީ ބޭކާރު ތަނަކީތަ