ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލުގައި ތިބި ދުވަސް ނުފުރާ ވިހެއި ކުދިންގެ ތެރެއިން މަރުވި ކުދިންގެ އަދަދު ހަޔަކަށް އަރައިފިއެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކަށް ހުއްޓުމެއް ނެތި ހަމަލާތަކެއް ނިރުބަވެރިން ދެމުން އަންނައިރު، ޝިފާ ހޮސްޕިޓަލަކީ ނިރުބަވެރިންގެ ލޯތައް ހުއްޓިފައިވާ އެންމެ ބޮޑު އެއް ހޮސްޕިޓަލެވެ. ހަމަލާތަކުގެ އިތުރުން ތެޔޮ ފޯރުކޮށް ނުދިނުމުގެ ސަބަބުން ހިދުމަތްތައް ހުއްޓުނުއިރު، އެތަނުގައި ދުވަސް ނުފުރާ ވިހެއި 40 ކުއްޖަކު ތިއްބެވެ.

އޭގެ ތެރެއިން ދެކުދިން ފާއިތުވި 2 ދުވަހު މަރުވެފައިވާއިރު، ހޮސްޕިޓަލުން ވަނީ ކަރަންޓް ނެތް ނަމަވެސް، އެކުދިން މަރުވާނެ ކަން މީގެ ކުރިން އިއުލާނުު ވެސް ކޮށްފައެވެ. ނަމަވެސް ނިރުބަވެރިން ވަނީ އެކަމަށް ބީރުކަންފަތެއް ދީފައެވެ.

އެއާއި އެކީ މިހާރު އެ ހޮސްޕިޓަލުގައި ތިބި ދުވަސް ނުފުރާ ވިހެއި ކުދިންގެ ތެރެއިން ހަ ކުއްޖަކު ވަނީ މަރުވެފައެވެ. އެކަން ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ނޫސްތަކަށް ކަށަވަރު ކޮށްދީފައެވެ.

އެކުދިންގެ އިތުރުން ވެސް އަނިޔާވެގެން ފަރުވާ ދެމުން ދިޔަ އިތުރު ދެ ބަލި މީހަކު ވެސް ޝަހީދު ނުވަތަ މަރުވެފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާގެ 21 އަށްވުރެ ގިނަ ހޮސްޕިޓަލް ވަނީ ބަންދު ކޮށްފައެވެ.