ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭގައި ހުންނަ އަލް-އަޣްސާ ހޮސްޕިޓަލްގައި ތިބި ކުޑަކުދިންނާއި މީހުން ދުނިޔެއާ ވަކިވެދާނެ ކަމުގެ އިންޒާރު އެ ހޮސްޕިޓަލުން މިއަދު ދީފިއެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މި ފަހުން އާ މަރުހަލާއެއް ވަނީ ފަށައިފައެވެ. އެގޮތުން، އިސްރާއީލް އަސްކަރިއްޔާގެ ނިރުބަވެރި ސިފައިން އަމާޒު ހިފާފައި ހުރީ ހޮސްޕިޓަލްތަކަށް ހަމަލާދީ ބިމާ ހަމަކޮށްލުމަށެވެ.

އަލް-އަޣްސާ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ބައެއް މީހުން.

އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ޣައްޒާގައި ހުރި 35 ހޮސްޕިޓަލްގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ހޮސްޕިޓަލްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި އެކަމުގެ އަސަރު އަލް-އަޣްސާ ހޮސްޕިޓަލަށް ވެސް އަންނަނީ ކުރަމުންނެވެ.

ތެޔޮ ލިބުން ދަތިވެ، ކަރަންޓު ކެނޑިދާނެ ކަމުގެ ބިރުވެރިކަމުގެ ސަބަބުން އަޣްސާ ހޮސްޕިޓަލްގެ އިންކިއުބޭޓަރުގައި ތިބި ކުޑަކުދިންނާއި ޑަޔަލަސިސް ބަލި މީހުން ތިބީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. ކިޑްނީ ބަލި ހުރި މީހުން ވަނީ މަރުގެ ތުންފަތް މަތީގައެވެ.

އަޣްސާ ހޮސްޕިޓަލްގެ ތަރުޖަމާނު ހަލީލް އަލް-ޑަކްރަން ވިދާޅުވީ ކަރަންޓާއި ފެން ނުލިބޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ހުރިހާ އެންމެން ދުނިޔެއާ ވަކިވާނެ ކަމަށެވެ. އަދި މިހުރިހާ ކަމެއްވާ އިރުގައި ވެސް ދުނިޔެ އޮތީ ބަލަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލް-އަޣްސާ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ކުޑަ ކުއްޖެއް.

"ކަރަންޓާއި ފެން ނުލިބިއްޖެ ނަމަ، މި ތަން ވާނީ ބޮޑު ކައްވަޅަކަށް،" އަލް-ޑަކްރަން ވިދާޅުވިއެވެ.

ހަނގުރާމަ ފެށުމާ އެކީގައި، އެ ހޮސްޕިޓަލަށް ފަރުވާ ހޯދަންދާ ޣައްޒާގެ ރައްޔިތުން އެތައް ގުނައެއް މައްޗަށް ޖެހުނެވެ. އަދި ޒަހަމްވެގެން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ހާހަކަށް ވުރެ ގިނަ އިރު، މިއީ ހޮސްޕިޓަލްގެ ކެޕޭސިޓީ އަށް ވުރެ އިތުރު އަދަދެކެވެ. ހަމައެއާ އެކު، ޣައްޒާގެ އުތުރުގައި ތިބެފައި، ހިޔާވަހިކަން ހޯދަން އެ ހޮސްޕިޓަލަށް އައި މީހުންގެ އަދަދު ވެސް އިންތިހާ އަށް ގިނައެވެ. ހަނގުރާމައިގެ ސަބަބަބުން ކިޑްނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު ވެސް އެތައް ގުނައެއް އިތުރުވިއެވެ.

ބަލި މީހުން ގިނަވުމުގެ ސަބަބުން ޑައިލަސިސް ހަދާ މީހުން މިހާރު ސެސަޝަނެއް ކުރިއަށް ގެންދެވެނީ ހަފްތާއަކު އެއް ދުވަހެވެ. އެހެންވެ، އިސްރާއީލުން ދީފާނެ ހަމަލާއަކާއި އެމީހުންނަށް އެކަށީގެންވާ ފަރުވާއެއް ނުލިބި ދުނިޔެއާ ވަކިވެގެން ހިނގައިދާނެތީ އެމީހުން ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާާދަނު

    ފަލަސްތީނުގެ އަޚުންނާއި އުޚުތުން އެހާލުގަ ޖެހިފާތިބީ ޖުއްބާ ވެރިންގެ އިހުމާލުން ކަމައްވާތީ ޖުއްބާވެރިންނައް ހަމަލާދިނުން ހައްގު.

    8
    1