މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލް ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ޣައްޒާގެ އެކިއެކި ސްކޫލްތަކުގައި ތައުލީމް ހާސިލް ކުރަމުން އަންނަ 3،117 ކުދިން ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ މި ކުދިންގެ ތެރެއިން 24 ކުދިން ޝަހީދުކޮށްލާފައި ވަނީ ހުޅަނގު އައްސޭރީގައި ކަމަށެވެ. އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން ތައުލީމް އުނގަންނައިދެމުން އަންނަ ހުރިހާ ތަނެއްގައި ކިޔަވައި ދިނުން ވަނީ މެދުކަނޑާލައިފައެވެ.

މިކަމުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ 608،000 ކުދިން ވަނީ އުނގެނުމުގެ ހައްގުން މަހްރޫމްވެފައެވެ. އެ ބިއުރޯ އިން ބުނި ގޮތުގައި ސަރުކާރުގައި 70 ސްކޫލަކާއި ޔޫއެންއާރުޑަބްލިއުއޭގެ 145 ސްކޫލެއް މިހާރު ބޭނުން ކުރަމުން ދަނީ ހިޔާވަހިކަން ހޯދުމަށެވެ.

ފަލަސްތީނުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ހަމަލާތަކުގައި 4،613 މީހުން ވަނީ ޒަހަމްވެފައެވެ. އަދި ފަލަސްތީނުގެ ހުޅަނގު އައްސޭރިން 250 ކުޑަކުދިން ޒަހަމްވެފައިވާ ކަމަށް ވެސް އެ ބިއުރޯ އިން ބުންޏެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީން 67 ކުއްޖަކު، އިސްރާއީލް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ބިއުރޯ އިން ބުނެފައިވެއެވެ.

އެ ބިއުރޯ އިން ބުނި ގޮތުގައި މިހާތަނަށް އައިއިރު، ޣައްޒާގެ ޓީޗަރުންނާއި ސްކޫލް އެޑްމިނިސްޓްރޭޓަރުން ހިމެނޭ ހެން 130 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޓީޗަރުންނާއި ސްކޫލް އެޑްމިނިސްޓްރޭޓަރުންގެ ތެރެއިން ޣައްޒާގައި 403 މީހުން ޒަހަމްކޮށްލާފައިވާ އިރު، ހުޅަނގު އައްސޭރީން 40 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.

މީގެއިތުރުން ޣައްޒާގައި ހުރި 239 ސްކޫލަކަށް ހަމަލާ ދީފައިވާ އިރު، ހުޅަނގު އައްސޭރީން 27 ސްކޫލަކަށް ހަމަލާދީފައިވާ ކަމަށް އެ ބިއުރޯ އިން ބުނާ އިރު، އޭގެ ތެރެއިން ޣައްޒާގައި ހުރި 45 ސަރުކާރު ސްކޫލަކާއި ޔޫއެންއާރުޑަބްލިއުއޭގެ 50 ސްކޫލެއް އެކީ ހަލާކުކޮށްލާފައިވާ ކަމަށް ބުނެފައިވެއެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 11،000 އަށް ވުރެ މައްޗަށް އަރާއިރު، މި ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 28،000 އަށް ވުރެ މައްޗަށް އަރައެވެ.