ފަލަސްތީނުގެ ޣައްޒާގައި ހުންނަ އަލް-ގުދުސް ހޮސްޕިޓަލް ހިމާޔަތް ކުރަނިކޮށް ފަލަސްތީނުގެ މުޖާހިދުންތަކެއް ޝަހީދުވެއްޖެއެވެ.

އިސްރާއީލްގެ ނިރުބަވެރި ސިފައިން ވަނީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، އަލް-ޝިފާ ހޮސްޕިޓަލް ހިމެނޭ ގޮތަށް ވަރަށް ގިނަ ހޮސްޕިޓަލްތަކެއް ހިސޯރުކޮށްފައެވެ. އިސްރާއީލުން މިދިޔަ ދެތިން ދުވަހު، އެންމެ ވަރުގަދަ އަށް ހަމަލާތައް ދެމުން އަންނަ އެއް ދިމާލަކީ ވެސް ހޮސްޕިޓަލްތައް ކައިރިއެވެ. މި ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލްތެރޭގައި ޒަހަމްވެފައިވާ މީހުންނާއި ހިޔާވަހިކަން ހޯދަމުން އަންނަ މީހުންނަށް ބޮޑު ބިރުވެރިކަމަކާ ވަނީ ކުރިމަތިލާން ޖެހެއެވެ.

އެނގިފައިވާ ގޮތުގައި ފަލަސްތީނުގެ މުޖާހިދުންތަކެއް މިއަދު ހަވީރު ޝަހީދުކޮށްލާފައި ވަނީ އަލް-ގުދުސް ހޮސްޕިޓަލް ކައިރީގައި ހަނގުރާމަ ކުރަނިކޮށެވެ. އިސްރާއީލުން ވަނީ މުޖާހިދުން ހަތިޔާރާ އެކު ހަރަކާތްތެރިވަމުން ދަނިކޮށް ނަގާފައިވާ ވީޑިއޯތަކެއް ވެސް އާންމުކޮށްފައެވެ.

އިސްރާއީލުން ވީޑިއޯއެއް އާންމުކޮށް ބުނެފައި ވަނީ އަލް-ގުދުސް ހޮސްޕިޓަލް ތެރެއިން އިސްރާއީލަށް އަމާޒުކޮށް އާރުޕީޖީން ހަމަލާތަކެއް ދިން 21 މުޖާހިދަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ. އަދި އެމީހުން ހަމަލާތައް ދިން އިރު، ކައިރީގައި އާންމު ރައްޔިތުން ވެސް ތިބި ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި މި އެންމެން ޝަހީދުކޮށްލާފައި ވަނީ އަސްކަރިއްޔާގެ ވައިގެ ސިފައިންގެ އެހީގައެވެ. މި ހަމަލާތަކުގައި އެއްވެސް ސިފައިންގެ މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް އާރުޕީޖީން ދިން ހަމަލާގެ ސަބަބުން އިސްރާއީލްގެ ޓޭންކެއް ހަލާކުވެފައިވާ ކަމަށް އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

މި ހަމަލާއަށް ފަހު، މުޖާހިދުންތަކެއް ހޮސްޕިޓަލް ތެރެއަށް ވަދެފައިވާ ކަމަށް ވެސް އަސްކަރިއްޔާ އިން ބުނެފައިވެއެވެ. އިސްރާއީލުން ބުނެފައިވާ ގޮތުގައި މިއީ ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ހޮސްޕިޓަލްތައް "ނިވާފަތްގަނޑަކަށް" ހަދައިގެން ހަމަލާތައް ބޭނުން ކުރާ ކަމުގެ ހެއްކެކެވެ.

މިކަމާ ގުޅިގެން ހަމާސް އިން އަދި އެއްވެސް އެއްޗެއް ނުބުނި ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނާއި މީޑިއާތައް ގަބޫލު ކުރާ ގޮތުން ނަމަ، ފަލަސްތީނުގެ މުޖާހިދުން ކުރަމުން އަންނަނީ ވަރުގަދަ ޖިހާދެކެވެ. އެއީ ފަލަސްތީނުގެ ބިން ހިފުމަށް އިސްރާއީލުން ކުރާ މަސައްކަތަށް ހުރަސް އަޅަން ކުރާ ހިތްވަރު ގަދަ ޖިހާދެއް ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން 1،400 މީހުން ވަނީ މަރާލައިފައެވެ. އޭގެ ބަދަލުގައި އިސްރާއީލުން ޣައްޒާ އަށް ބޮން އެޅުމުގެ ސަބަބުން މިހާތަނަށް އައިއިރު ފަލަސްތީނުގެ 11،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާ އިން 28،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.