ފަލަސްތީނުގެ ޣައްޒާ އަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދި ގެއްލިފައިވާ މީހުންގެ އަދަދު 3،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.

އިސްރާއީލްގެ ހެލްތު މިނިސްޓްރީން ބުނީ މިހާތަނަށް އައިއިރު، 3،250 އަށް ވުރެ ގިނަ މީހުން އިމާރާތްތަކުގެ ދަށުގައި ނުވަތަ ގެއްލިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 1،700 ކުޑަކުދިން ހިމެނޭ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޣައްޒާގެ އުތުރުގެ އެކި ސަރަހައްދުތަކުގައި އިމާރާތްތަކުގެ ދަށުގައި ތާށިވެގެން އުޅޭ ކަމުގެ ފޯން ކޯލްތައް ލިބެމުން އަންނަ ކަމަށެވެ. އަދި އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ކަމަށް ބުނެފައިވެއެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުގެ 11،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 4،000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 3،000 އެއްހާ އަންހެނުން ހިމެނެއެވެ. އަދި 28،000 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ އިރު، އޭގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

ހެލްތު މިނިސްޓްރީން ކުރިން ބުނި ގޮތުގައި ހަމަލާތަކާ ގުޅިގެން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންގެ ތެރޭގައި ދިރިހުރި މީހުން ވެސް ހިމެނެއެވެ. އެކަމަކު، އެމީހުން ސަލާމަތް ކުރަން ދަތިވަނީ އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.