އިންޑޮނޭޝިއާގެ ގިނަ ރައްޔިތުން މެކްޑޮނަލްޑްސް އާއި ސްޓާބަކްސް ބޮއިކޮޓް ކުރަން ފަށައިފިއެވެ.

ނިރުބަވެރި އިސްރާއީލަށް ކާބޯތަކެތި ހަދިޔާ ކުރިކަން އިއުލާނު ކުރުމާއި އެކީ އިންޑޮނޭޝިއާގައި މެކްޑޮނަލްޑްސް އާއި ސްޓާބަކްސް ބޮއިކޮޓް ކުރަން ފަށައިފިއެވެ.

އިންޑޮނޭޝިއާގެ ރައްޔިތުން މެކްޑޮނަލްޑްސް އާއި ސްޓާބަކްސް ބޮއިކޮޓް ކުރަން ފަށާފައިމިވަނީ އެމެރިކާގެ ސެންފްރެންސިސްކޯގައި އޮންނަ އޭޕީއީސީ ސަމިޓުގައި ބައިވެރިވުމަށް އެގައުމުގެ ރައީސް، ޖޯކޯ ވިޑޯޑޯ އެމެރިކާއަށް ވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

ނިރުބަވެރިން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމާއި ގުޅޭ ގޮތުން އިއްޔެ އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ވައިޓްހައުސްގައި ބައްދަލު ކުރައްވައި ވިޑޯޑޯ ވިދާޅުވީ، އިންސާނިއްޔަތަށްޓަކައި ހަނގުރާމަ ހުއްޓާލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި އެމެރިކާގެ ފަރާތުން ހަނގުރާމަ ހުއްޓުވައި ދިނުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެމެރިކާއާއި މެދު އެފަދަ ވާހަކައެއް ދެއްކި ނަމަވެސް، އެމެރިކާއަކީ އަބަދު ވެސް އިސްރާއީލަށް ތާއިދު ކުރާ ގައުމެކެވެ. މިހަނގުރާމަ ފެށުނު ފަހުން ވެސް އެމެރިކާއިން ވަނީ ޣައްޒާގައި ތިބި މުސްލިމުން ޝަހީދު ކުރުމަށް ބޭނުންވާ ގިނަ ހަތިޔާރުތަކެއް އިސްރާއީލަށް ފޮނުވާފައެވެ.

އެމެރިކާއަށް އޮތް ހަމައެކަނި ކަންބޮޑުވުމަކީ ހަނގުރާމަ ހިނގަމުންދާ މައިދާނުގައި އެގައުމުގެ ބައެއް ރައްޔިތުން ތިބުމެވެ. އެރައްޔިތުން ތިބުމުން އެމެރިކާއިން މީގެ ކުރިން ވަނީ އާންމު ރައްޔިތުންނާއި ދެކޮޅަށް ނުނުކުތުމަށް އިސްރާއީލަށް ގޮވާލާފައެވެ. އަދި އެރައްޔިތުންނާއި ގުޅޭނެ އެއްވެސް ވަސީލަތެއް ނެތުމުން، މުއާސަލާތީ ހިދުމަތް ދިނުމަށް ގޮވާލިއެވެ.