ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ޣައްޒާގެ ހުރިހާ ހޮސްޕިޓަލެއް ބަންދު ވެދާނެ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ޣައްޒާ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު، ޑރ. އަޝްރަފް އަލް-ޤުދްރާ އަލްޖަޒީރާ ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނިރުބަވެރިން ހިފާފައިވާ ޣައްޒާގެ ހުރިހާ ހޮސްޕިޓަލްތަކެއް ތެޔޮ ނުލިބުމުގެ ސަބަބުން ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ބަންދުވެދާނެ ކަމަށެވެ.

އެފަދަ އިންޒާރެއް ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، މިވަގުތު ވެސް ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް ނުލިބޭ ކަމަށެވެ.

ޣައްޒާގައި ހުންނަ އެންމެ ބޮޑު ދެ ހޮސްޕިޓަލް ކަމަށްވާ އަލް-ޝިފާ އާއި އަލް-ޤުދުސްގެ ހިދުމަތްތައް އިއްޔެގެ ވަގުތެއްގައި ހުއްޓިފައިވަނީ އެހޮސްޕިޓަލްތަކުގައި ބޭނުން ކުރަމުން އަންނަ ބައެއް ސާމާނުތަކަށް ބޭނުންވާ ކަރަންޓް ނުލިބިގެންނެވެ. މިދެ ހޮސްޕިޓަލުގެ ހިދުމަތައް ހުއްޓިފައިވާއިރު، ހަނގުރާމައިގެ ސަބަބުން އަނިޔާ ލިބުނު ގިނަ ބަޔަކަށާއި ދުވަސް ނުފުރާ ވިހެއި ތުއްތު ކުދިންގެ އިތުރުން، ބޮޑެތި އެކި ބަލިތަކަށް ފަރުވާ ހޯދާ ބަލި މީހުންނަށް ފަރުވާ ދެމުން ގޮސްފައިވަނީ އެކި ކަހަލަ މެޝިންތައް ބޭނުން ކޮށްގެންނެވެ.

ނަމަވެސް ހޮސްޕިޓަލްތަކުގެ ގިނަ ހިދުމަތްތައް ނުލިބުމުގެ ސަބަބުން އެތަކެއް ރައްޔިތުންނެއް ވަނީ ހޮސްޕިޓަލުގައި ޝަހީދުވެފައެވެ.

އެތަކެއް ރައްޔިތުންނެއް ހޮސްޕިޓަލުގައި ޝަހީދުވަމުން އަންނައިރު، އެންމެ ހިތްދަތިވާ މަންޒަރަކީ ޝަހީދުވާ މީހުންގެ ހަށިތައް ވަޅު ނުލެވި، ހޮސްޕިޓަލް ކައިރީ ތަންތަނުގައި ފުނި ޖެހިފައި ތިބުމެވެ.