އިންޑިއާގެ ކެރެލާ ސްޓޭޓްގައި ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މީހަކު މަރަން ހުކުމްކޮށްފިއެވެ.

އުމުރުން އެންމެ ފަސް އަހަރުގެ ކުޑަކުއްޖަކު ރޭޕްކޮށް މަރާލި މައްސަލާގައި ކުށް ސާބިތުވި މީހާ މެރުމަށް ކެރެލާގެ ކޯޓަކުން ހުކުމްކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާނީ ކެރެލާ ހައި ކޯޓުން އެކަން ކަށަވަރު ކުރުމަށް ފަހު ކަމަށް ވަކީލް ވިދާޅުވިއެވެ.

ބިހާރަށް އުފަން އެ މަސައްކަތްތެރިޔާ އަލަމް އަށް އިއްވާފައިވާ ހުކުމްތަކުގެ ތަފްސީލް ދެއްވަމުން ވިދާޅުވީ، އިންޑިއާގެ ގާނޫނުލް އުގޫބާތާއި ޕޮކްސޯ ގާނޫނުގެ ދަށުން ރޭޕް ކުރުމާއި ޖިންސީ ގޯނާކުރުމުގެ ތަފާތު ކުށްތަކުގައި ކުށްވެރިޔާއަށް އުމުރު ދުވަހުގެ ފަސް ހުކުމެއް ދީފައިވާ ކަމަށެވެ.

ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރައީ ވިޖަޔަން ވިދާޅުވީ ކުޑަކުދިންގެ ދުވަހާ ދިމާކޮށް މި މައްސަލާގައި ދީފައިވާ އަދަބަކީ ކުޑަކުދިންނަށް އަނިޔާކުރާ މީހުންނަށް ދޭ ވަރުގަދަ އިންޒާރެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ.

ޗީފް މިނިސްޓަރު ވިދާޅުވީ އެ ކުއްޖާ ވެއްޓުނީ އެންމެ ބޮޑު ޖަރީމާގެ ޝިކާރައަކަށް ކަމަށާއި އެހެންކަމުން މުޅި ޖިނާއީ އަދުލުގެ ނިޒާމުން މަސައްކަތް ކުރީ ކުށްވެރިޔާ ހިފަހައްޓައި، އޭނާއަށް އެންމެ ބޮޑު އަދަބެއް ހޯދައިދިނުމަށް ކަމަށެވެ.

ހުކުމް އިއްވުމަށްފަހު ކޯޓުން ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭޑީޖީޕީ ވިދާޅުވީ މިއީ ކެރަލާ ހައިރާންކޮށްލި މައްސަލައެއް ކަމަށާއި، ސަރުކާރުން ފެށުނީއްސުރެ އަޒުމް ކަނޑައެޅީ ދައުވާ ލިބޭ މީހާއަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ކަށަވަރު ކުރުމަށް ކަމަށެވެ.

"މިއީ ވަރަށް މަދުން ނޫނީ ނުފެންނަ އެއް މައްސަލަ، ޕްރޮސެކިއުޝަނަށް އެކަން ކާމިޔާބުކަމާ އެކު ސާބިތުކޮށްދެވުނީ. ތަހުގީގު ނިންމާލީ 30 ދުވަހުގެ ތެރޭގައި. އެ ހާދިސާ ހިނގިތާ 100 ވަނަ ދުވަހު ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު މިއަދަކީ 110 ވަނަ ދުވަސް. މިކަމުން ދޭހަވަނީ ޖިނާއީ އަދުލުގެ ނިޒާމުގެ ހަރުދަނާކަން،" އޮފިސަރު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު