ފަލަސްތީނުގެ ޣައްޒާ އަށް އިސްރާއީލްގެ ޔަހޫދީ ސިފައިން ދެމުން އަންނަ ވަރުގަދަ ހަމަލާތަކާ ގުޅިގެން ޣައްޒާގައި ދިރިއުޅޭ ކުޑަކުއްޖަކު ހިތުގެ އުދާސްތައް ބަންޑުންކޮށްލައިފިއެވެ.

އަލް-ޖަޒީރާ އަށް މިއަދު އިރު އޮއްސެނިކޮށް ދިން އިންޓަވިއުއެއްގައި އުމުރުން 11 އަހަރުގެ ރަގްހަދު މަހްމޫދު ބުނީ އާއިލާއާ އެކު ދިރިއުޅޭ ސަރަހައްދަށް އިސްރާއީލުން ދިން ހަމަލާގެ ސަބަބުން ދިރިއުޅޭ ގެތަކާއި ކައިރީގައި ހުރި ގެތައް ވެސް ހަލާކުވެފައިވާ ކަމަށެވެ. އަދި ގެއަށް ވަންނަން ބޭނުން ކުރާނެ އެންމެ ދޮރެއް ވެސް އަދި ކުޑަ ދޮރެއް ވެސް ނެތް ކަމަށާއި ބްލޮކަކަށް ފަހު ބްލޮކެއް ސުންނާފަތިކޮށްލާފައިވާ ކަމަށް އެ އަންހެން ކުއްޖާ ބުނެފައިވެއެވެ.

އެ ކުއްޖާ ބުނި ގޮތުގައި މީގެކުރިން އާއިލާއާ އެކުގައި މެލޭޝިއާ އަދި އިންޑޮނޭޝިއާގައި ހަ އަހަރު ދުވަހު ދިރިއުޅެފައިވާނެއެވެ. އެ ގައުމުތަކުގައި އުޅުނު އިރު، މުނިފޫހިފިލުވާ ތަންތަނަށާއި ރެސްޓޯރަންޓުތަކާއި ހުރިހާ ތަނަކަށް ދިޔަ ކަމަށް ރަގްހަދު ބުންޏެވެ.

"މެލޭޝިއާ އާއި އިންޑޮނޭޝިއާގައި ދިރިއުޅުނިން. އަހަރެން ދިޔަ އިން މުނިފޫހިފިލުވާ ތަންތަނަށާއި ރެސްޓޯރަންޓުތަކަށާއި ހުރިހާ ތަނަކަށް. އެކަމަކު މިތަނުގައި ހަމަޖެހުމެއް ނެތް. އެއީ އިސްރާއީލްގެ އަޅުވެތިކަމުގެ ދަށުގައި އުޅެން ޖެހޭތީ،" އެ ކުއްޖާ ކިޔައި ދިނެވެ.

ރަގްހަދު ބުނި ގޮތުގައި ފަލަސްތީނުގެ ބިމަކީ ރައްޔިތުންގެ އެއްޗެކެވެ. އެކަމަކު، ޣައްޒާގެ ރައްޔިތުންނަށް އޮތީ އެކެއް ނޫނީ ދެ ސިޓީ ކަމަށް އެ ކުއްޖާ ބުންޏެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ހަމަޖެހުމެއް ނެތީތޯ އެ ކުއްޖާ ވަނީ ސުވާލުކޮށްފައެވެ.

އެ ކުއްޖާ އަސަރާ އެކު ކިޔައި ދެމުން ބުނީ "ކަރުނަތައް އޮހޮރުން" ފިޔަވައި ޣައްޒާގައި ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 11،320 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި 4،650 ކުޑަކުދިންނާއި 3،145 އަންހެނުން ހިމެނެއެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އައިއިރު އިސްރާއީލުން ވަނީ 1،165 ގަތުލުއާންމު ހިންގައިފައެވެ. މި ހަމަލާތަކުގައި ޝަހީދުވި ސިއްހީ ހިދުމަތްތެރިންގެ އަދަދު 198 އަށް އަރާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.