23:11

އަލް ގައްސާމް ބްރިގޭޑްސް އިން ބުނާ ގޮތުގައި އުތުރުގެ ސަރަހައްދުތައް ހިމެނޭ ގޮތަށް ޣައްޒާގެ އެކި ސަރަހައްދުތަކުގައި މުޖާހިދުންވަނީ ވަނީ ނިރުބަވެރިންގެ އަސްކަރީ 11 އުޅަނދެއް ފުނޑާލައި އިސްރާއީލުގެ ސިފައިންގެ ބައެއް މަރާލާފަ.

23:05

ޣައްޒާގައި ހުންނަ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް:

  • ނިރުބަވެރިން ވަނީ އެކި ޑިޕާރޓްމަންޓުގަ ހުރި ތަކެއްޗަށް ގެއްލުންދީ ބޭނުން ނުކުރެވޭ ވަރަށް އެއްޗިހި ހަލާކުކޮށްފަ.
  • ނިރުބަވެރިން ވަނީ އަލްޝިފާ ހޮސްޕިޓަލުގައި މަސައްކަތްކުރާ ދެ އިންޖިނިއަރުން ހައްޔަރުކޮށްފަ.
  • އަލްޝިފާގެ މައި މަރުކަޒު ކުރިމަތީގައި މިވަގުތު ގިނަ އަދަދަކަށް ނިރުބަވެރިންގެ ޓޭންކްތައް އެބައޮތް.
  • އެ ހޮސްޕިޓަލުން ނިރުބަވެރި އިސްރާއީލު ސިފައިންނަށް ހަމާސް މުޖާހިދުންނާ ގުޅުންހުރި އެއްވެސް ސާމާނެއް ފެނިފައެއް ނުވޭ.

ނޯޓު: ފާހަގަކޮށްލެވޭ ކަމަކީ ހަމާސްގެ އިސްވެރިންގެ މައި މަރުކަޒު އަލްޝިފާ ހޮސްޕިޓަލް ތެރޭގައި ހުރިކަމުގެ ވަރުގަދަ ހެކިތަކެއް އެގައުމުގެ ސިފައިންގެ އަތުގައި ހުރި ކަމަށް ކެނޑިނޭޅި އިސްރާއީލު ސިފައިން ބުނެފައިވާކަން.

23:01

ތުރުކީގެ ހެލްތު މިނިސްޓަރު ވިދާޅުވީ ޣައްޒާގެ 26 ބަލިމީހަކާއި އެމީހުންނާ ހަވާލުވެހުރި 13 މީހަކު ރަފަޙް ހުރަސްކޮށް މިއަދު މިސްރަށް ވަދެފައިވާ ކަމަށް.

22:58

އުރުދުންގެ ފޮރިން މިނިސްޓްރީ:

ޣައްޒާގައި ހުންނަ އުރުދުންގެ ފީލްޑް ހޮސްޕިޓަލް ވަށައިގެން އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގެ ސަބަބުން އެ ހޮސްޕިޓަލުގެ 7 މުވައްޒަފުންނަށް އަނިޔާވި މައްސަލަ އަޅުގަނޑުމެން ކުށްވެރި ކުރަން.

22:55

ނަތަންޔާހޫ:
ޓެރަރިޒަމަށް ތާއީދުކުރާ ބާރުތަކެއް އެބައޮތް، އޭގެ ތެރެއިން އެކަކީ އިސްރާއީލަކީ ޓެރަރިސްޓް ދައުލަތެއް ކަމަށް ބުނާ ނަމަވެސް ޓެރަރިސްޓް ދައުލަތެއް ކަމަށްވާ ހަމާސްއަށް ތާއީދުކުރާ އުރުދުޣާން.

22:51

ޣައްޒާގެ ދެކުނުގައި އޮންނަ އަލް ޤަރާރާގެ އިރުމަތީ ސަރަހައްދުތަކުގަ ނިރުބަވެރިންނާ މުޖާހިދުން ދަނީ ބަޑީގެ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުން

22:48

ޣައްޒާ ސިޓީގެ އިޙްޔާ އަލް ސުންނާ މިސްކިތަށް އަމާޒުކޮށް ޒަޔަނިސްޓުން ދިން ވައިގެ ހަމަލާއެއްގައި 30 މީހަކު ޝަހީދުވެ ގިނަ ބަޔަކު ޒަހަމްވެއްޖެ.

22:46

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ޓެލް އަލް ހަވާއަށް ދިން ވައިގެ ހަމަލާތަކެއްގައި އުރުދުން ހޮސްޕިޓަލުގެ ބައެއް މުވައްޒަފުންނަށް އަނިޔާވެއްޖެ.

އުރުދުންގެ ސިފައިންނާ ހަވާލާދީ 7 މީހަކު ޒަހަމްވެފައިވާކަމަށް ރިޕޯޓްކޮށްފި.

22:05

ޣައްޒާގެ ޝިފާ ހޮސްޕިޓަލްގައި ހުރި ނޫސްވެރިއަކު ބުނެފައިވާ ގޮތުގައި އިސްރާއީލް ސިފައިން މިހާރު ވަނީ ޝިފާ ހޮސްޕިޓަލުން ނުކުމެފައި. އެކަމަކު، އެ ސަރަހައްދުގެ ބޭރުގައި އަދިވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެ ނޫސްވެރިޔާ ބުނެފައިވޭ.

އިސްރާއީލް ސިފައިން ޝިފާ ހޮސްޕިޓަލް ތެރެއަށް ވަދެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި.

19:59

ފަލަސްތީނުގެ ޣައްޒާގައި ހުރި ގާނޫނު ހަދާ މަޖިލިހަށް އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ބޮން އަޅައި އެތަން ގޮއްވާލައިފި.

19:37

ޣައްޒާގެ އުތުރުގައި އޮންނަ އަލް ފަލޫގާ ސަހަރާއަށް ނިރުބަވެރިންގެ އަސްކަރީ މަތިންދާބޯޓުތައް އަމާޒުކޮށްގެން ދިން ހަމަލާތަކެއްގަ ޒަހަމްވި ގިނަ އަދަދެއްގެ މީހުން އިންޑޮނޭޝިއާ ހޮސްޕިޓަލަށް ގެނެއްސި.

19:34

އިބްނު ސީނާ ހޮސްޕިޓަލް: ޖެނިންގެ ހުޅަނގު ދެކުނުގައި އޮންނަ ފަހުމާ އަވަށުގައި ހިނގި ހަމަނުޖެހުންތަކުގައި ނިރުބަވެރިންގެ ފައުޖުތައް ބަޑި ޖަހާ ދެމީހަކު ޒަހަމްކޮށްލައިފި.

19:31

ޣައްޒާގެ އަލް ޝިފާ ކޮމްޕްލެކްސްގެ ޑިރެކްޓަރ: އެމަޖެންސީ ޑިޕާޓްމަންޓް މުޅިން ބަންދުކޮށްފައިވާ އިރު އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެ ސިއްހީއަވަސް ފަރުވާ ބޭނުންވެފަ.

19:23

ޣައްޒާގެ ޝެއިޚް ރަދުވާން އަވަށުގައި ހުރި އަލްތަޤްވާ މިސްކިތަށް ކުޑަކުދިން ގަތުލުކުރާ އިސްރާއީލުގެ ވައިގެ އަސްކަރިއްޔާ އިން ބޮމުގެ ހަމަލާއެއް ދީފި.

19:21

އިސްރާއީލްއަކީ ނިރުބަވެރި ދައުލަތެއް ކަމަށާއި އެ ދައުލަތުން ފަލަސްތީނުގެ ޣައްޒާ ސުންނާފަތިކޮށްލަމުންދާ ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެ.

18:48

18:33

އަލް-ޖަޒީރާ އިން ރިޕޯޓު ކުރާ ގޮތުގައި ޝިފާ ހޮސްޕިޓަލްގައި ތިބި ފަލަސްތީނުގެ 200 ރައްޔިތުން ހައްޔަރުކޮށްގެން ހޮސްޕިޓަލްގެ ގޯތިތެރެއަށް ވަނީ ގެންގޮސްފައި.

18:16

އިސްރާއީލުން ބުނާ ގޮތުގައި މިއީ ޝިފާ ހޮސްޕިޓަލް ކައިރި. އިސްރާއީލް ސިފައިން އައިސް ތިބީ ޝިފާ ހޮސްޕިޓަލަށް ބޭނުންވާ ސިއްހީ ސާމާނުތައް ހިފައިގެން.

 

18:15

އިސްރާއީލް އާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ތެޔޮ ހިފައިގެން އައި ޓްރަކެއް މިސްރުގެ ރަފަހް ބޯޑަރު ހުރަސްކޮށް ޣައްޒާ އަށް ވަދެއްޖެ.

17:55

އިސްރާއީލް ސިފައިންތަކެއް މިއަދު ޣައްޒާގައި.
އިސްރާއީލް ސިފައިންތަކެއް މިއަދު ޣައްޒާގައި.
އިސްރާއީލް ސިފައިންތަކެއް މިއަދު ޣައްޒާގައި.

17:53

އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަމާޒުކޮށް ހަމާސް އާއި ލުބުނާނުން އެއް ވަގުތެއްގައި ދެންމެ ރޮކެޓް ހަމަލާތަކެއް ފޮނުވާލައިފި. އެ ތަނުން ބައެއް ރޮކެޓްތައް އިސްރާއީލަށް ވެއްޓިފައިވޭ.

17:51

ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ ގަރާރާ އަވަށުގައި ހުރި ގެއަކަށް އިސްރާއީލު ނިރުބަވެރިން ދިން ވައިގެ ހަމަލާއެއްގައި ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ 11 މީހަކު ޝަހީދުވެ އިތުރު ބަޔަކު ޒަހަމްވެއްޖެ.

17:50

ޝިފާ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށްވާ އޮމަރް ޒަގޫތު ބުނީ އިސްރާއީލް ސިފައިން ޝިފާ ހޮސްޕިޓަލަށް ވަދެ، އަނިޔާވެރިކަން އިސްކޮށް ފިރިހެނުން ކަނު ބަނދެފައި ހައްޔަރުކޮށްގެން ގެންދާ ކަމަށް. އިސްރާއީލް ސިފައިން ގެންދަނީ ރެފިއުޖީންގެ ގޮތުގައި އެ ހޮސްޕިޓަލަށް އައިސް ތިބި މީހުން ކަމަށް ވެސް އެ މީހާ ބުނެފައިވޭ.

"އިސްރާއީލްގެ އަސްކަރިއްޔާ އިން ފިރިހެނުން އޮރިޔާންކޮށްގެން އަދި ކަނު ބަނދެގެން ގެންދަނީ. އެމީހުން އެއްވެސް ސިއްހީ ސާމާނެއް ނުގެނޭ. އެމީހުން ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާ މީހުން މަރަނީ. އަސްކަރިއްޔާ އިން ހޮސްޕިޓަލް ކޮމްޕްލެކްސްގައި ހިމެނޭ ކޮންމެ އިމާރާތެއް ވަނީ ވަށާލާފައި.

އެމީހާ ބުނާ ގޮތުގައި މިހާރު ވެސް ހޮސްޕިޓަލްގެ ގޯތިތެރޭގައި 180 މީހެއްގެ ފުރާނަ ނެތް މަސްގަނޑު އެބައޮތް. ޝިފާ ހޮސްޕިޓަލާއި އެ ތަނުގެ ކައިރީގެ ހާލަތު ވަރަށް ނާޒުކު ކަމަށާއި މުޅި ހޮސްޕިޓަލް ވަށައިގެން އިވެނީ ބަޑީގެ އަޑު ކަމަށް ވެސް އޭނާ ބުނެފައިވޭ.

17:41

ޣައްޒާގެ ހާން ޔޫނުސްގައި ޓެންޓު ޖަހައިގެން ދިރިއުޅޭ ރައްޔިތުން.
ޣައްޒާގެ ހާން ޔޫނުސްގައި ޓެންޓު ޖަހައިގެން ދިރިއުޅޭ ރައްޔިތުން.
ޣައްޒާގެ ހާން ޔޫނުސްގައި ޓެންޓު ޖަހައިގެން ދިރިއުޅޭ ރައްޔިތުން.
ޣައްޒާގެ ހާން ޔޫނުސްގައި ޓެންޓު ޖަހައިގެން ދިރިއުޅޭ ރައްޔިތުން.

17:39

ޣައްޒާގެ ހާން ޔޫނުސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޣައްޒާގެ ހޮސްޕިޓަލްތަކުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒަގޫތު ވިދާޅުވީ ޝިފާ ހޮސްޕިޓަލްގައި ތިބި 650 ބަލި މީހުންނާއި އައިސީޔޫގައި ތިބި 22 މީހުން ރައްކާތެރިކަމާ އެކުގައި އެހެން ތަނަކަށް ބަދަލު ކުރަން ޖެހޭ ކަމަށް.

އޭނާ ވިދާޅުވި ގޮތުގައި ދުވަސް ނުފުރާ ވިހެއި 36 ކުދިންނާއި ވެންޓިލޭޓަރުގައި ތިބި މީހުން ވެސް ނުރައްކަލެއްގެ ތެރޭގައި ތިބި ކަމަށް.

ޝިފާ ހޮސްޕިޓަލްގައި 400 މެޑިކަލް ސްޓާފުންނާއި ހިޔާވަހިކަން ހޯދާ 2،000 މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވި. އެމީހުން ވެސް އެހެން ތަނަކަށް ރައްކާތެރިކަމާއެކު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވި.

17:36

އިސްލާމިކް ޖިހާދުން މީގެ ކުޑައިރުކޮޅެއް ކުރިން ބުނީ ޣައްޒާގެ މަތީގައި އުދުހުނު އިސްރާއީލްގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް.

"އަހަރުމެން ވާނީ ޒަޔަނިސްޓުންގެ ސްކައިލާކް ޑްރޯނެއް ވައްޓާލާއި އޭގެ ކޮންޓްރޯލް ނަގާފައި،" އިސްލާމިކް ޖިހާދުގެ އަލް ގުދުސް ބްރިގޭޑްސް އިން ބުނެފައިވޭ.

16:32

މެދުތެރޭ ޣައްޒާގެ ނޫސެއިރާތު ރެފިއުޖީ ކޭމްޕްގައި ހުންނަ ރެސިޑެންޝަލް އިމާރާތަކަށް އަމާޒުކޮށް ނިރުބަވެރިން ދިން ވައިގެ ހަމަލާއެއްގައި ގިނަ އަދަދެއްގެ މައުސޫމް ކުޑަކުދިން ޝަހީދުވެއްޖެ.

16:32

ޣައްޒާގެ އުތުރުގައި އޮންނަ އިންޑޮނޭޝިއަން ހޮސްޕިޓަލް ކައިރިއަށް އިޒްރޭލުން ވައިގެ ހަމަލާތަކެއް ދީފި.

16:31

ޖަބަލިއާގެ މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށް އިސްރާއީލުގެ ހަތިޔާރު އެޅި ނިރުބަވެރި ޖަމާއަތުން ދިން ވައިގެ ހަމަލާއެއްގައި ކުޑަކުދިން ހިމެނޭ ގޮތަށް އާންމުންގެ ބަޔަކު ޒަހަމްވެއްޖެ.

13:10

ޝިފާ ހޮސްޕިޓަލުގައި ތިބި ހާލުގައި ޖެހިފައިވާ މީހުން އެތަން ދޫކޮށް ދިއުމަށް ނިރުބަވެރިން އަންގައިފި. މިފަދައިން އެންގި ނަމަވެސް ނިރުބަވެރިން އަންނަނީ ހޮސްޕިޓަލުން ނުކުންނަ ކޮންމެ މީހަކާއި ދިމާލަށް ބަޑި ޖަހަމުން.

13:07

އަލްޖަޒީރާގެ ނޫސްވެރިން ބުނަމުން އަންނަނީ ޝިފާ ހޮސްޕިޓަލުގެ މަގުތަކުގައި ޝަހީދުވެފައިވާ މީހުންގެ ހަށިތައް ގިނަ އަދަދަކަށް އަދިވެސް ތިބި ކަމަށް.

13:06

ޖަބަލިއާ ސަރަހައްދުގައި ހުރި ގެއަކަށް ހަމަލާދީ، ނިރުބަވެރިން ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދު ކޮށްލައިފި.

11:43

ބްލޫމްބާގް އިން މައުލޫމާތު ލިބިފައިވާ ގޮތުގައި:

ޣައްޒާއިން ތިބި އެތައް ސަތޭކަ ފަލަސްތީނުގެ އެމެރިކާ މީހުންނާ މެދު ވޮޝިންޓަންގެ ކަންބޮޑުވުންތަކަށް ނަތަންޔާހޫ އަޅައެއްނުލާ.

11:36

ޣައްޒާގެ އަލް ޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ތެރޭގައި ގެދޮރު ގެއްލިފައިވާ ތިބި މީހުން އަދި ބަލި މީހުން އެތަނުން ދިއުމަށް ނިރުބަވެރި އިސްރާއީލު ސިފައިން ދަނީ ޑިމާންޑް ކުރަމުން.

11:14

ބެއިތު ހަނޫންގެ އިރުއުތުރާއި ބެއިތު ލަހިއާގެ ބޭރުގައި ވައިގެ ހަމަލާތަކާ އެކު އާޓިލަރީ ބޭނުންކޮށްގެންވެސް ނިރުބަވެރިން ދަނީ ހަމަލާ ދެމުން.

10:56

ޝަހީދު އުމަރު އަލް ޤާސިމް ބްރިގޭޑުން ޣައްޒާ ސިޓީގެ ހުޅަނގު އުތުރަށް ވަންނަަން މަސައްކަތް ކުރި ނިރުބަވެރި އިސްރާއީލުގެ ވެހިކަލްތަކަށް މޯޓަރ ޝެލްތަކުން އަމާޒުކޮށް ހަމަލާތަކެއް ދިން ކަމަށް އިއުލާނުކޮށްފި.

ނޯޓު: ޝަހީދު އުމަރު އަލް ޤާސިމް ބްރިގޭޑް ނުވަތަ ނޭޝަނަލް ރެސިސްޓެންސް ބްރިގޭޑްސް އަކީ ޑިމޮކްރެޓިކް ފްރަންޓް ފޯ ދަ ލިބަރޭޝަން އޮފް ފަލަސްތީންގެ އަސްކަރީ ގޮފި.

 

10:48

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ މެދުތެރޭގައި ހުންނަ ގެއަކަށް ނިރުބަވެރި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގަ ޝަހީދުވި މީހުންގެ އަދަދު 9 އަށް އަރައިފި.

10:15

އިސްރާއީލު ނިރުބަވެރި ސިފައިން ހުޅަނގު އައްސޭރިގައި ޖެހި ރެއިޑެއްގައި ޒުވާނުން ތަކެއް ހައްޔަރުކޮށްފި ކަމަށް ރިޕޯޓްކޮށްފި.

ފަލަސްތީނުގެ ނޫސް އެޖެންސީ ވަފާ އިން ބުނާ ގޮތުގައި ހުޅަނގު އައްސޭރީގެ ޖެނިން އިން މަދުވެގެން ފަސް މީހަކު ވަނީ ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ތެރެއިން ހައްޔަރުކޮށްފަ.

10:00

ފަލަސްތީނުގެ އެންމެ ބޮޑު މެޑިކަލް ފެސިލިޓީއަށް އިސްރާއީލު ސިފައިން ވަދެގަތްތާ މާގިނައިރުތަކެއް ނުވެ އަލް ޝިފާ ހޮސްޕިޓަލް ތެރޭގައި "ތިބީ ހަމައެކަނި ޑޮކްޓަރުންނާއި ބަލިމީހުންނާއި ގެދޮރު ގެއްލިފައިވާ މީހުން" ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ޤުދުރާ ވިދާޅުވެއްޖެ.

"އަހަރެމެން ބިރުގަންނަން ނުވަތަ ފޮރުވަން ޖެހޭ އެއްވެސް ކަމެއް ނެތް،" އަލްޖަޒީރާ އަރަބިކް އިން އަލް ޤުދްރާއާ ހަވާލާދީ ބުނެފި.

އަލް ޤުދްރާ މީގެ ކުރިން ބުނެފައި ވަނީ އިސްރާއީލުގެ ސިފައިންގެ ދިހަވަރަކަށް މީހުން ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމަންޓްގެ އިމާރާތަށް ވަދެފައިވާއިރު، ޓޭންކްތައް ވަނީ މެޑިކަލް ކޮމްޕްލެކްސް ވަށާލާފަ.

މެޑިކަލް ސްޓާފުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ގާތްގަނޑަކަށް 650 ބަލިމީހުން ހޮސްޕިޓަލުގައި އެބަތިބި ކަމަށް ލަފާކުރެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި 5،000 އާއި 7،000 އާ ދެމެދުގެ އަދަދަކަށް ގެދޮރު ގެއްލިފައިވާ އާންމުން ވެސް ހޮސްޕިޓަލްގެ ގޯތިތެރޭގައި ތާށިވެފައި އެބަ ތިބި.

09:21

ޣައްޒާގައި މުޖާހިދުންނާ ނިރުބަވެރިންނާ ހިނގަމުންދާ ހަމަލާ ބަދަލު ކުރުން ތަކުގައި މަރުވި ދެ އޮފިސަރުންގެ ނަންތައް އައިޑީއެފް އިން އާއްމުކޮށްފި.

އެއީ ކެޕްޓަން (ރެސް.) އޮމްރީ ޔޯސެފް ޑޭވިޑް، 27

ކެޕްޓަން ޔެޑިދްޔާ އާޝެރް ލެވް، 26

09:02

އިސްރާއީލުގެ ޓެންކްތައް އަލް ޝިފާ ހޮސްޕިޓަލު ވަށައިގެން ރިޕޮޒިޝަން ކޮށްފައި ވާއިރު، ބޮން ގޮވުމާއި ބަޑިޖެހުމުގެ އަޑުތައް މެދުނުކެނޑި އެހިސާބުން އިވޭކަމަށް ރިޕޯޓްކޮށްފި.

09:00

އެމެރިކާ އިން ވާގިވެރިވެދީގެން އިސްރާއީލްގެ ނިރުބަވެރި ސިފައިން ޣައްޒާގެ ޝިފާ ހޮސްޕިޓަލްގެ އެތެރެއަށް ވަދެގަނެ ހަމަލާތައް ދެމުން ގެންދާތީ އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓްހައުސްގެ ބޭރުގައި ގިނަ ބަޔަކު މުޒާހަރާ ކުރަމުން އެބަގެންދޭ.

08:59

ހަބޭޝާ މިސްކިތް ކައިރީގައި ހުރި ގެއެއްގައި ނިރުބަވެރިން ދަނީ ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގަމުން.

08:51

ޚާން ޔޫނިސް އުތުރުން އޮންނަ އަލް ގަރާރާ އަވަށު އިމާރާތެއްގައި ހުރި މުވާސަލާތީ ޓްރާންސްމިޝަން ޓަވަރަކަށް ބޮން އަޅައިފި.

08:50

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޕޮލެންޑަށް މަތިންދާބޯޓުން ފަައިބަނިކޮށް ސިޑިން ވެއްޓީފަ.

08:38

އަލް ޝިފާ ހޮސްޕިޓަލަށް ވަދެގަތުމަށްފަހު އިސްރާއީލްގެ ނިރުބަވެރި ސިފައިން ވަނީ ހޮސްޕިޓަލްގެ ޑިރެކްޓަރ އޮފް ހެލްތު ޑރ.މުނީރު އަލް ބާޝް ހޮސްޕިޓަލުން ނިކުމެ އިސްރާއީލް ސިފައިންނާއި ހަވާލުވުމަށް އަންގާފައި. ނަމަވެސް ޑރ.މުނީރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފައި. އޭނާ ވަނީ އޭނާ އަކީ ޑޮކްޓަރެއްގެ ޒިންމާތައް އުފުއްލަވަމުން ގެންދާ މީހެއް ކަމަށާއި އެހެންކަމުން ބަލި މީހުންނަށް ފަރުވާ ދިނުން ހުއްޓާލުމަށްފަހު އިސްރާއީލް ސިފައިންނާއި ހަވާލުވުން އެއީ ކުރާނެ ކަމަށް ނޫން ކަމަށް ވިދާޅުވެފައި.

08:28

އަލް ޝިފާ ހޮސްޕިޓަލަށް އިސްރާއީލްގެ ނިރުބަވެރި ސިފައިން ދެމުން ގެންދާ ހަމަލާތަކުގެ ޒިންމާ ނިރުބަވެރި އިސްރާއީލްގެ އިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ނަގަން ޖެހޭނެ ކަމަށް ހަމާސް ޖަމާއަތުން ބުނެފި.

08:19

ޖެނީވާ ކޮންވެންޝަން އާއި ބައިނަލްއަޤުވާމީ އެހެން ގާނޫނުތައް ބުނާ ގޮތުން ވެސް ހޮސްޕިޓަލަކަށް ހަމަލާދެވޭނީ އެހޮސްޕިޓަލެއްގައި ހަނގުރާމައިގެ ހަރަކާތްތަކެއް ކުރިއަށް ގެންދާކަމުގެ ސާބިތު ހެކި ހުރެ، އަދި އެހަމަލާ ދޭނެ ކަމުގެ އިންޒާރު ކުރީބައިގައިދީ، ހޮސްޕިޓަލްގައި ތިބި ބަލި މީހުންނާއި އާއްމުންގެ މީހުން ރައްކާތެރި ތަނަކަށް ބަދަލު ކުރުމަށްފަހު ވަކި ވަގުތެއްގައި ހަމަލާ ދޭނެކަން ކުރީބައިގައި އިއުލާން ވެސް ކުރުމަށްފަހު.

ނަމަވެސް އިސްރާއީލްގެ ނިރުބަވެރިން މިފަދަ އެއްވެސް އުސޫލަކަށް ތަބައެއް ނުވޭ.

*********************

ހަނގުރާމައިގެ ހާލަތުގައި ވެސް ހޮސްޕިޓަލްތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުން ރައްކާތެރިކަމާއި ހިމާޔަތް ލިބިފައިވާ ތަންތަނެވެ. ނަމަވެސް އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ގޮސްފައިވާ އިސްރާއީލްގެ ނިރުބަވެރިން އަންނަނީ ޣައްޒާގެ ހޮސްޕިޓަލްތައް ވެސް އިސްތިސްނާ ކުރުމެއްނެތި ހަމަލާތައް ދެމުންނެވެ. އެންމެފަހުން ރޭ ފަލަސްތީންގެ ގަޑިން މެންދަމުން ފެށިގެން ޣައްޒާގެ ޝިފާ ހޮސްޕިޓަލްގެ އެތެރެއަށް ވަދެ އިސްރާއީލްގެ ސިފައިން އަންނަނީ ހަމަލާތައް ދެމުންނެވެ. ހޮސްޕިޓަލްގެ ހާލަތު މިހާރު އޮތް ގޮތުން ގިނަ މައުލޫމާތުތައް ސާފެއް ވެސް ނުވެއެވެ.

އަލް-ޝިފާ ހޮސްޕިޓަލަށް އިސްރާއީލް ސިފައިން ވަދެގަތް އިރު ހޮސްޕިޓަލްގައި ހުރި އާއްމުންގެ މީހަކު ސީއެންއެން އަށް މައުލޫމާތު ދެމުން ބުނީ ހަ ޓޭންކަރެއް ވެސް ހޮސްޕިޓަލްގެ އެތެރެއަށް ވަދެފައިވާ ކަމަށެވެ. އޭނާ މައުލޫމާތު ދިން ގޮތުގައި 100 އަށްވުރެ ގިނަ ސިފައިން ހޮސްޕިޓަލްގެ އެތެރެއަށް ވަދެފައިވާކަމަށެވެ. "ބައެއް ސިފައިން ތިބީ މާސްކް އަޅައިގެން. އިސްރާއީލްގެ ބައެއް ސިފައިން ގޮވަމުން ދިޔައީ އެއްވެސް ހަރަކާތެއް ނުކުރާށޭ." އޭނާ ބުންޏެވެ.

އިސްރާއީލާއި ފަލަސްތީނަށް ހިއުމަން ރައިޓްސް ވޮޗް އިން ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ އުމަރު ޝާކިރު އަލްޖަޒީރާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށް ހަމަލާތައް ދެމުން ގެންދަނީ އެފަދަ ހަމަލާއެއް ދޭން ޖެހޭނެ ފަދަ ސަބަބެއް އޮތްކަމުގެ އެއްވެސް ހެއްކެއް ނުދައްކާކަމަށެވެ.

ހޮސްޕިޓަލަކަށް ކޮންމެހެން ހަމަލާއެއް ދޭން ޖެހޭ ފަދަ ހާލަތެއް އައިނަމަވެސް އެފަދަ ހަމަލާއެއް ދެވޭނީ ހޮސްޕިޓަލްގައި ތިބި ބަލި މީހުންނާއި އާއްމުން ރައްކާތެރި ތަނަކަށް ބަދަލު ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

"އިސްރާއީލުން ހިންގަމުން މިގެންދާ ޖަރީމާތަކުން އެނގެނީ ޣައްޒާގެ އެއްވެސްތަނެއް ރައްކާތެރި ނޫންކަން." ޝާކިރު ވިދާޅުވިއެވެ.

ޣައްޒާގެ އެންމެ ފަހުގެ ޚަބަރުތައް - ނޮވެމްބަރ 14 ވަނަ ދުވަހުގެ ބްލޮގް

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހާޑީ

    އަބްދުﷲ ޝާހިދު ޔޫއެންޛީސީގަ ހުރެގެން ބައްކަށްކާ ކުޅުނީ

    1
    1
  2. Anonymous

    އަބްދުﷲ ޝާހިދު ޔޫއެންޛީސީގަ ހުރެގެން ބައްކަށްކާ ކުޅުނީ

  3. މީ

    ހެޔޮ ދުޢާ