އިންޑިޔާގެ ހައިވޭއެއް ހަދަން ކޮންނަމުން ދަނިކޮށް ޓަނަލެއް ވެއްޓި ތާށިވި 40 މީހަކު ސަލާމަތްކުރުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން ވަރުގަދަކޮށްފިއެވެ.

އުއްތަރަކަންދުގެ އުތުރު ސްޓޭޓްގައި ހުރިހާ މޫސުމެއްގައި ވެސް ރައްކާތެރި ދަތުރު ގެ ގޮތުގައި ޕްރޮމޯޓުކޮށް ކުރިއަށް ގެންދާ 'ޗާރް ދާމް' ޓަނަލް, މަސައްކަތްތެރިން ހަދަމުން ދަނިކޮށް އާދީއްތަ ދުވަހު އައި ބިންހެލުމުގެ ސަބަބުން ޓަނަލުގެ ބައެއް ހޮހަޅައަށް ވަނީއެވެ. އެތަނުގައި ތާށިވި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

އެމީހުން އަދިވެސް ސަލާމަތެއް ނުވެއެވެ. ސްޓޭޓް އަދި ފެޑެރަލް ރެސްކިއު ޓީމުތަކުން ދަނީ ބޮޑު ޑްރިލްއެއް ބޭނުންކޮށްގެން އެ މީހުންނާ ހަމައަށް ވާސިލްވުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. ތާށިވެފައިތިބި މީހުންނާއި ވާހަކަ ދައްކަނީ އެމީހުން ގެންގުޅޭ ވޯކީޓޯކީ ބޭނުންކޮށްގެންނެވެ.

މިހާރު ކަމާބެހޭ ފަރާތްތަކުން ދަނީ ދިއްލީން ތާޒާ އަދި މިއަށްވުރެ ތަޖުރިބާކާރު ޑްރިލިން އިކުއިޕްމަންޓް ގެނެސްގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް އަވަސް ކުރުމަށް ކަމަށް އެމީހުން ބީބީސީ ހިންދީއަށް މައުލޫމާތުދިނެވެ.

މި މެޝިން އިންޑިއާގެ ވައިގެ ސިފައިންގެ ފަރާތުން މިއަދު ހިމާލަޔާން ޓައުން އުއްތަރުކާޝީއަށް އެއާލިފްޓް ކުރާނެއެވެ.

އެ މަސައްކަތްތެރިން ޓަނަލްގެ ތެރޭގައި 200 ވަރަކަށް މީޓަރު އެތެރޭގައި ތާށިވެފައި ތިބިއިރު އޭގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އޮފިޝަލުން ބުނެއެވެ. ރެސްކިއު ކުރާ ފަރާތްތަކުން ވަނީ މިދިޔަ 72 ގަޑިއިރު ވަންދެން ހޮޅި މެދުވެރިކޮށް އެ މީހުންނަށް ކާނާ އާއި ފެނާއި އޮކްސިޖަން ފޯރުކޮށްދީފައެވެ.

އެކަމަކު އެމީހުން ނުރައްކަލުން ސަލާމަތް ކުރަން ކިހާ ދުވަހެއް ނަގާނެ ކަމެއް އަދި ސާފެއް ނުވެއެވެ.

"ކޮންމެ ދުވަހަކު ވެސް 24 ގަޑިއިރު ސަލާމަތީ އޮޕަރޭޝަންތައް ކުރިއަށް އެބަދޭ. އެ މީހުން ނެރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން މިދަނީ،" އެ މަސައްކަތްތައް އިސްކޮށް ހަރަކާތްތެރިވާ ޓީމުގެ މެންބަރެއް ކަމަށްވާ ކަރަމް ވީރް ސިންގް ބީބީސީ ހިންދީ އަށް ބުންޏެވެ.

އަންގާރަ ދުވަހު ސްޓޭޓް ސަރުކާރުން ނިންމާފައި އޮތީ މަސައްކަތްތެރިންނާ ހަމައަށް ވާސިލްވުމަށްޓަކައި 900 އެމްއެމް ދިގުމިނުގެ ދަގަނޑު ހޮޅިއެއް ބޭނުންކުރުމަށެވެ. އެއަށްފަހު މަސައްކަތްތެރިންނަށް ހޮޅި ތެރެއިން ރައްކާތެރި ތަނަކަށް ގެންދެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ހޮޅި ވަޅުލުމުގެ މަސައްކަތް ލަސްވީ "ގުދުރަތީ ހުރަސްތަކެއް" ގެ ސަބަބުން ކަމަށާއި، ސަލާމަތް ކުރާ މީހުންނަށް، އެމީހުންނާ ހަމައަށް ވާސިލްވުމަށް ދަތިތަކެއް ކުރިމަތިވި ކަމަށް އުއްތަރަކަންދު ޕޮލިސްގެ ޑިރެކްޓަރު ޖެނެރަލް އަޝޯކް ކުމާރު ވިދާޅުވިއެވެ.