އިސްރާއީލް އާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ތެޔޮ ހިފައިގެން އައި ޓްރަކެއް މިސްރުގެ ރަފަހް ބޯޑަރު ހުރަސްކޮށް ޣައްޒާ އަށް ވަދެއްޖެއެވެ.

މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލް އާއި ހަމާސްއާ ދެމެދު ހަނގުރާމަ ކުރިއަށްދާ އިރު، ޣައްޒާ އަށް ތެޔޮ ވެއްދުމުގެ ފުރުސަތު އިސްރާއީލުން ދީފައެއް ނުވެއެވެ. އިސްރާއީލުން ތުހުމަތު ކުރާ ގޮތުގައި، ޣައްޒާ އަށް ތެޔޮ ވައްދައިފި ނަމަ، އޭގެ ބޭނުން ހިފާނީ ހަމާސް އިން އިސްރާއީލަށް ހަމަލާތައް ދިނުމުގައެވެ. ތެޔޮ ނެތުމުގެ ސަބަބުން ޣައްޒާ އިން ކަރަންޓު ކެނޑިފައިވާ އިރު، ވަރަށް ގިނަ ހޮސްޕިޓަލްތަކުގެ ހިދުމަތްތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

މިސްރުގެ ނޫސްތަކުން ރިޕޯޓު ކުރަމުން އަންނަ ގޮތުގައި މިސްރާއި ޣައްޒާ ގުޅޭ ރަފަހް ބޯޑަރު ހުރަސްކޮށް މިއަދު ވަނީ ޣައްޒާ އަށް ތެޔޮ ޓްރަކެއް ވަދެފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޣައްޒާ އަށް އިންސާނީ އެހީ ހިފައިގެން ވަތް ގިނަ ޓްރަކްތަކަކުން ވަނީ ތެޔޮ ހުސްވެފައެވެ. އެހެންވެ، މިއީ މިއީ އދ. ގެ ބޭނުމަށް އެ ޓްރަކްތަކަށް ފޯރުކޮށްދިނުމަށްޓަކައި ވެއްދި ތެޔޮ ޓްރަކެއް ކަމަށް ވެސް މިސްރުގެ ނޫސްތަކުގައި ބުނެފައިވެއެވެ.

އދ. އިން ބުނީ މިއަށް ވުރެ ގިނަ ތެޔޮ އަދިވެސް ބޭނުންވާ އިރު، އެންމެ ޓްރަކެއްގެ ތެލަކީ އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ. އދ. އިން ބުނާ ގޮތުގައި މިއަދު ލިބިފައިވަނީ 23،027 ލީޓަރުގެ ތެލެވެ. މި ލިބުނީ އެންމެ %9 ތެޔޮ ކަމަށް ވެސް އދ. އިން ބުނެފައިވެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން މީގެކުރިން ބުނީ މި ހަފްތާގެ ކުރީކޮޅު ޣައްޒާ އަށް ތެޔޮ ފޯރުކޮށްދީފައިވާނެ ކަމަށެވެ. އެކަމަކު، ހަމާސް އިން ޝިފާ ހޮސްޕިޓަލަށް ތެޔޮ ވެއްދުމަށް ހުރަސް އަޅާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.