އިސްރާއީލްގެ ނިރުބަވެރި ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދިން ހަމަލާއެއްގައި އެއް އާއިލާއެއްގެ 32 މެމްބަރުން ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ އިސްރާއީލުން މި ހަމަލާ ދީފައި ވަނީ ޣައްޒާގެ އުތުރުގައި ހުރި އިމާރާތަކަށް ކަމަށެވެ. އެގޮތުން ޝަހީދުވި 32 މެމްބަރުންގެ ތެރޭގައި 16 ކުޑަކުދިން ހިމެނޭ ކަމަށް ވެސް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މީގެކުޑަ އިރުކޮޅެއް ކުރިން ބުނެފައިވެއެވެ.

ޝަހީދުވި މީހުންނާއި ކުޑަކުދިންގެ ނަންތައް ހެލްތު މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. މި އެންމެން ވެސް ޝަހީދުކޮށްލާފައި ވަނީ އިސްރާއީލް ސިފައިން ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ވައިގެ ހަމަލާއެއްގައި ކަމަށް ވެސް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ އުދުވާނުގައި މިހާތަނަށް އައިއިރު، 12،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި އިރު، އޭގެ ތެރޭގައި 4،500 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ހިމެނެއެވެ.

އިސްރާއީލުން މިއަދު ވަނީ ޣައްޒާގައި ހުންނަ އަލް-ފަހޫރާ ސްކޫލަށް ބޮން އަޅައި އެތަނުގައި ތިބި 50 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ. އެ ތަނަކީ 200 އަށް ވުރެ ގިނަ މީހުން ހިޔާވަހިކަން ހޯދަމުން އަންނަ ސްކޫލެކެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ސިފައިން ވަނީ 2009 ވަނަ އަހަރާއި 2014 ވަނަ އަހަރު ވެސް މި ސްކޫލަށް ބޮން އަޅައިފައެވެ. މިދިޔަ މަހު ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުން ވަނީ އެ ސްކޫލަށް ބޮން އަޅައިފައެވެ.

މި ސްކޫލްގެ އިތުރުން ޣައްޒާގައި ހުރި އެހެން ސްކޫލަކަށް ވެސް އިސްރާއީލުން މިއަދު ބޮން އަޅާފައިވެއެވެ.