ނިރުބަވެރިންގެ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު ދެ ނޫސްވެރިއަކު ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޖަމާއަތެއް ކަމަށްވާ މަޑާއިން އަލްޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި އިޒްރޭލުން ރޭ ދިން ވައިގެ ހަމަލާއެއްގައި ޣައްޒާގައި ދެ ނޫސްވެރިއަކު ވަނީ ޝަހީދުވެފައެވެ.

ޝަހީދުކޮށްލާފައި ވަނީ ސާރީ މަންސޫރާއި ހަސޫނޭހް ސަލީމް ނަމަކަށް ކިޔާ ދެ ނޫސްވެރިއެެކެވެ. އެ ދެ މީހުން ޝަހީދުކޮށްލާފައި ޣައްޒާގެ މެދުތެރޭގައި ހުންނަ ބުރެއިޖް ރެފިއުޖީ ކޭމްޕްގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނގުރާމަ ފެށުނު ފަހުން މަރުވި އެކި ގައުމުތަކަށް ނިސްބަތްވާ ނޫސްވެރިންގެ އަދަދަކީ 42 އެވެ. އިތުރު ދެ މީހުން ޝަހީދުވުމާއެކު އެކު، ހަމަނުޖެހުންތަކުގައި މަރުވި ނޫސްވެރިންގެ ތެރޭގައި ހިމެނެނީ ފަލަސްތީނުގެ 39 މީހަކާއި އިސްރާއީލުގެ ހަތަރު މީހަކާއި ލުބުނާނުގެ މީހެކެވެ.