އިސްރާއީލުގެ ނިރުބަވެރިން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ނިއުޒީލެންޑްގެ ލޭބަރ ޕާޓީން ގޮވާލައިފިއެވެ.

މިދިޔަ އޮކްޓޯބަރ މަހު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ނިރުބަވެރިން ހިންގަމުންދާ އަނިޔާވެރި ޤަތުލުއާންމު ވަގުތުން ހުއްޓާލުމަށް ނިއުޒީލެންޑްގެ ލޭބަރ ޕާޓީން ވަނީ ގޮވާލާފައެވެ.

ނިއުޒީލެންޑުގެ ވެރިކަން ކުރާ ލޭބަރ ޕާޓީން ވަނީ އެ ސަރަހައްދުގައި އިސްރާއީލުން ހިންގާ އަސްކަރީ އަމަލުތަކަކީ ހަނގުރާމައިގެ ޢާއްމު އުޞޫލުތަކާއި، ބައިނަލް އަޤުވާމީ ޤަވާއިދުތަކާއި ޚިލާފު ނާޖާއިޒު އަމަލުތަކެއް ކަމަށެވެ.

ލޭބަރ ޕާޓީގެ ލީޑަރު އަދި ބޮޑުވަޒީރު ކްރިސް ހިޕްކިންސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ދެމުންދާ ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގައި ގިނަބައެއްގެ ފުރާނަ ގެއްލެމުންދާތީއާއި ޣައްޒާއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ އެ ޕާޓީން ހިތާމަކުރާ ކަމަށެވެ. އަދި އިސްރާއީލުގެ އެ އަމަލުތައް ލޭބާ ޕާޓީން ވަނީ ކުށްވެރިކޮށްފައެވެ.

ހިޕްކިންސް ވިދާޅުވީ އަމިއްލަ ދިފާއުގައި ތެދުވުމުގެ ހައްޤު އޮންނާނެ ކަމަށާއި ހަމަލާތައް ފެންނަނީ ނުހައްގު ހަމަލާތަކެއްގެ ގޮތުގައި ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ. އަދި ހަމައެއާއެކު ބާރުގެ ބޭރުން އިސްރާއީލުން ހިފަމުންދަނީ ނާޖާއިޒް ގޮތުގައި ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މީގެއިތުރުން ބައިނަލްއަގްވާމީ ގާނޫނުތަކަށް ހުރިހާ ފަރާތްތަކަކުން ވެސް ބޯލަނބަން ޖެހޭ ކަމަށް ތަކުރާރުކޮށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

ނިއުޒިލޭންޑުގެ ލޭބަރ ޕާޓީން މި ބަޔާން ނެރެފައި މިވަނީ ޣައްޒާގެ އުމްރާނީ ވަސީލަތްތަކާއި އާންމުންގެ އާބާދީއަށް ދިން ހަމަލާތަކާ ގުޅިގެން ހަނގުރާމައިގެ ޖަރީމާތަކެއް ހިންގާ ކަމުގެ ތުހުމަތުގައި އިސްރާއީލްގެ ވެރިންނާ ދެކޮޅަށް އައިސީސީ އަށް މައްސަލަ އުފުލާފައިވާ ދަނޑިވަޅެއްގައެވެ.

ނިރުބަވެރިން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމު ދުނިޔޭގެ ގިނަ ގައުމުތަކުން ކުށްވެރިކުރެއެވެ. އިންސާނިއްޔަތަށް ޓަކައި މިފަދަ ހަމަލާތައް ދިނުން ހުއްޓާލަން ޖެހޭކަމަށް ގައުމުތަކުން ދަނީ ގޮވާލަމުންނެވެ. އެހެންނަމަވެސް އިސްރާއީލުން ހަނގުރާމަ ހުއްޓާލާ ކަހަލަ ހިޔާލެއް އަދި ނުކުރެއެވެ.

ޣައްޒާގައި ރަހީނުކޮށްފައި ތިބި ކުޑަކުދިންނާއި އަންހެނުން ދޫކުރުމުގެ ބަދަލުގައި ފަސް ދުވަހަށް ހަނގުރާމަ މެދުކަނޑާލާން ހިޔާލުދީފައިވީ ނަމަވެސް ހަމާސް އާއި އިސްރާއީލުން ވަކި ގޮތަކަށް ނުނިންމާ ކަމަށް އެމެރިކާއިން ވެސް ވަނީ ބުނެފައެވެ.

ނިރުބަވެރިން ވަނީ ވައިގެ މަގުންނާއި އެއްގަމު މަގުން ޣައްޒާއާއަށް ހަމާލާދީފައެވެ. މި ހަމަލާތަކުގައި މިހާތަނަށް 12،300 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި 5،000 ކުޑަކުދިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަދަކުޑޭ

    އަދި ގައްޒާ ހުރިހާ ރައްޔިތުން ސަހީދު ނުވޭ އަދި މަޑުކުރަ

    4
    1
  2. ކައުންސެލަރު 🙌

    ޚުދު އެމެރިކާގެ ރައްޔިތުންވެސް ތިޔަލާއިންސާނީ ޤަތުލުއާންމު ކުށްވެރިކުރޭ. އެކަމަކު އަރަބި ބުރާންތިއަރާފަ ތިބިލީޑަރުން ކަހާތަން ހިރުވާވެސްނުލާ. ޔާﷲ އަރަބި ލީޑަރުންނަށް ލައުނަތް ލައްވާށި. އިސްރާއީލު ބަލިކަށިކުރައްވާށި. އާމީން