ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ހަމަލާދޭތީ ޔަމަނުން އިސްރާއީލުގެ އާގުބޯޓެއް ހިފަހައްޓައިފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ޔަމަނުގެ ހޫތީން ހިފަހައްޓާފައިވަނީ "ގެލެކްސީ ލީޑަރ" ނަމަކަށް ކިޔާ އާގު ބޯޓެކެވެ. ހޫތީން މި ބޯޓު ހިފަހައްޓާފައިވަނީ ރަތްކަނޑު ސަރަހައްދުންނެވެ. އެ ބޯޓު ހިފަހައްޓާފައިވަނީ ތުރުކީވިލާތުން އިންޑިއާއަށް ދަތުރު ކުރަމުން ދަނިކޮށެވެ.

ހޫތީން މި ބޯޓު ހިފެހެއްޓިއިރު، އޭގައި 25 މީހަކު ތިއްބެވެ. އެއީ ޔޫކްރޭން، ބަލްގޭރިއާ، ފިލިޕިންސް އަދި މެކްސިކޯއަށް ނިސްބަތްވާ މީހުންނެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި އެ ބޯޓުގައި އިސްރާއީލުގެ މީހަކު ނެތެވެ.

މިކަމާއި ގުޅިގެން އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ އޭގައި އިސްރާއީލް މީހަކު ނެތް ކަމަށާއި އެފަދަ އަމަލެއް ހިންގުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އިސްރާއީލުގެ ބޯޓެއް ވެސް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނަތަންޔާހޫ ބުނެފައިވަނީ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އީރާނުން ކަމަށާއި އެއީ ހޫތީން އެބޯޓު ހިފަހައްޓާފައިވަނީ އީރާނުގެ ތާއިދު ލިބިގެން ކަމަށެވެ.

އެހެން ނަމަވެސް ހޫތީން އެ ބޯޓު ހިފަހައްޓާފައިވަނީ އީރާނުގެ އޯޑަރަކަށް ކަމެއް އިސްރާއީލަށް ޔަގީންކޮށްދެވިފައެއް ނުވެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި އެ ބޯޓަކީ އެއީ އިނގިރޭސިވިލާތުގެ ކުންފުންޏެއްގެ ހިއްސާ އޮންނަ އަދި ޖަޕާނުގެ ކުންފުންޏަކުން އޮޕަރޭޓް ކުރަމުން އަންނަ އުޅަދެކެވެ.