ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 13،000 އަށް އަރާފައިވާ ކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ބުނެފައިވަނީ މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ނިރުބަވެރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 13،000 އަށް އަރާފައިވާ ކަމަށެވެ.

އެޖަމާއަތުން ބުނި ގޮތުގައި ޝަހީދުވި މީހުންގެ ތެރޭގައި 5،500 އަށްވުރެ ގިނަ ކުޑަކުދިންނާއި 3،500 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ.

ޝަހީދުވި މީހުންގެ އަދަދު 13،000 އަށް އަރާފައިވާއިރު، އިތުރު 30،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ހަމާސް ޖަމާއަތުން ވަނީ ބުނެފައެވެ.

ހަމާސް ޖަމާއަތުން މިފަދައިން ބުނެފައިވަނީ ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ނިރުބަވެރިން ދެމުން އަންނަ ހަމަލާތައް ވަރުގަދަކޮށް، އިތުރު ކޮށްފައިވާތީ ޝަހީދުވާ މީހުންގެ އަދަދު ބަލަން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެފައެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 13،000 އަށް އަރާފައިވާ ކަމަށް ހަމާސް ޖަމާއަތުން ބުނެފައިވާއިރު، އިސްރާއީލް ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރ، ޖެނެރަލް އިސްމާއީލް ތަވާބްތާ އިއްޔެ ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން މަރުވި މީހުންގެ އަދަދު 12،000 އަށް އަރާފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު މި އަދަދު އުޅެނީ ކިހާ ހިސާބެއްގައި ކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.