ނިރުބަވެރި އިސްރާއީލުން މިއަދު އެކަނި ޣައްޒާގެ 150 މީހަކު ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީ އާއި ހަވާލާދީ، ގުދުސް ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން ޣައްޒާގެ އުތުރަށް ދިން ހަމަލާތަކުގައި މިއަދު އެކަނި ވަނީ 150 މީހަކު ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހުސް އާންމު ރައްޔިތުން ކަމަށް ވެސް ވަނީ ބުނެފައެވެ.

ނިރުބަވެރިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާ ދެމުން އަންނައިރު، މިވަގުތު އުތުރު، ދެކުނާއި މެދު ހިމެނޭހެން އަންނަނީ ހަމަލާދެމުންނެވެ.

މިއަދުގެ ހަމަލާގައި ޖުމްލަ 150 އާންމުންގެ މީހަކު އުތުރު ޣައްޒާއިން ޝަހީދުކޮށްލާފައިވާއިރު، ދެކުނު ޣައްޒާގެ ބައެއް ސަރަހައްދުތަކަށް ދިން ހަމަލާގައި ވެސް ބައެއް މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ހަނގުރާމައިގައި ޝަހީދުވާ މީހުންގެ އަދަދު ޣައްޒާގެ ހެލްތް މިނިސްޓްރީއަށް ހޯދިފައި ނުވާއިރު، ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ބުނެފައިވަނީ މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ނިރުބަވެރިން ޣައްޒާގެ 13،000 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށެވެ. އަދި 30،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.