އަލް ޝިފާ ހޮސްޕިޓަލުން ނެރެވުނު ދުވަސްނުފުރާ ވިހާފައި ތިބި 31 ކުދިންވެސް ވަރަށް ބަލި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބުލިއުއެޗްއޯ އިން ބުނެފިއެވެ.

ޔަހޫދީ ނިރުބަވެރިން އަލް ޝިފާ ހޮސްޕިޓަލު ހުސްކުރަން އެންގުމާއި ގުޅިގެން، ހޮސްޕިޓަލުގައި އަލަށް ވިހާފައި ތިބި ތުއްތު ކުދިން ވަނީ، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ އިންސާނީ އެހީގެ ޖަމިއްޔާއެއް ކަމަށްވާ ‘ސޭވް ދަ ޗިލްޑްރަން” އާއި ޑަބްލިއުއެޗްއޯ ގެ އެހީ އާއި އެކު އިއްޔެގެ ވަގުތެއްގަައި ހޮސްޕިޓަލުން ނެރެ، ދެކުނުގެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ.

އެކުދީންނަށް މިހާރު ފަރުވާ ދެމުން ގެންދަނީ ދެކުނު ޣައްޒާގެ ރަފާހު ގައި ހުންނަ އަލް ހިލާލް އަލް އެމަރާޓީ މެޓާނިޓީ ހޮސްޕިޓަލުގައެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައިވަނީ އެތަނުން އެއްވެސް ކުއްޖަކު އަލް ހިލާލް ހޮސްޕިޓަލަށް ގެންދެވުނީ އާއިލާގެ މެމްބަރަކާއި ނުލައި ކަމަށާއި، އެކުދީންގެ އާއިލާ އަދި ހޯދިފައި ނުވާ ކަމަށެވެ.

ތުއްތު ކުއްޖަކު އިންކިއުބޭޓަރެއްގައި —- ފޮޓޯ: ރޮއިޓާސް

“ދެރަކަމަކީ، އެތަނުން އެއްވެސް ކުއްޖަކާއި އެކު އެކުދީންގެ އާއިލާގެ މެމްބަރުން ގޮސްފައެއް ނުވޭ. އެއީ ހެލްތު މިނިސްޓްރީގައި ހުރީ އެކުދިންނާއި ބެހޭ ވަރަށް މަދު މައުލޫމާތަށް ވެފައި އަދި މިހާތަނަށް އެކުދީންގެ އާއިލާގެ ގާތް މެމްބަރުން ހޯދިފައެއް ނުވޭ.” ޑަބްލިއުއެޗްއޯ އިން ބުނެފައި ވެއެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައިވަނީ އަލް ޝިފާ ހޮސްޕިޓަލުގައި އިންފެކްޝަން ފެތުރުނަ ނުދީ ކޮންޓްރޯލް ކުރާނެ ގޮތެއް ނެތުމުގެ ސަބަބުން 31 ކުދިންވެސް ދަނީ ސީރިއަސް އިންފެކްޝަންތަކާއި ހަނގުރާމަ ކުރަމުން ކަމަށެވެ. އަދި އޭގެ ތެރެއިން 11 ކުއްޖެއްގެ ހާލު ސީރިއަސް ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެ 31 ކުދީން އިތުރު ފަރުވާއަށް މިއަދުގެ ވަގުތެއްގައި މިސްރަށް ގެންދެވޭނެ ކަމަށް ޣައްޒާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު ޒާގޫތު ބުނެފައި ވެއެވެ.

އަލް ޝިފާ ހޮސްޕިޓަލުން ތެޔޮ ހުސްވެ، އިންކިއުބޭޓަރުތަކަށް ކަރަންޓު ދެވޭނެ ގޮތް ނެތި، އިސްރާއީލުން ހޮސްޕިޓަލު ރެއިޑް ކުރި އިރު އެ ހޮސްޕިޓަލުގައި ދުވަސްނުފުރާ ވިހާފައި ތިބި 39 ކުދިން ތިއްބެވެ. އިސްރާއީލުން ހޮސްޕިޓަލު ހިސޯރު ކޮށްގެން ތިބި ދުވަސްތަކުގަޔާއި، ހޮސްޕިޓަލު ރެއިޑް ކުރި ދުވަސްތަކުގައި އޭގެ ތެރެއިން އެތައް ކުދިންނެއް ވަނީ ދުނިޔެ ދޫކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭބީ

    ތި ކުދިންތައް ރާއްޖެ ގެނެސްދީބަލަ މިތާންގަވެސް ދަރިން ލިބުމުން މަޙުރޫމުވެފައިވާ އެތައް ދެމަފިރިންނެއް އެބަތިއްބެއްނު.
    ތި ކުދިންގެ އާއިލާ މީހެއްވެސް ދުނިޔޭގަ ތިބިކަމެއް ނޭންގޭނު.