ފަލަސްތީނުގެ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، ޝިފާ ހޮސްޕިޓަލްގައި ތިބި ތުއްތު ކުދިން ޣައްޒާގެ ދެކުނުގެ ހޮސްޕިޓަލަކަށް އިއްޔެ ގެންގޮސްފިއެވެ.

އަލް-ޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝިފާ ހޮސްޕިޓަލްގެ އައިސީޔޫގެ އިންކިއުބޭޓަރުގައި ތިބި 39 ކުދިންގެ ތެރެއިން 31 ކުއްޖަކު ވަނީ ރެޑްކްރެސެންޓްގެ އެމްބިއުލާންސްގައި ޣައްޒާގެ ރަފަހްގައި ހުންނަ ތަލް-އަލްސުލްތާން ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިހާތަނަށް އައިއިރު ތުއްތު ހަ ކުދިން ޝިފާ ހޮސްޕިޓަލްގައި ވަނީ ޝަހީދުވެފައެވެ. އެ ކުދިން އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރީ ޝިފާ ހޮސްޕިޓަލްގައި ކަރަންޓު ނެތުމާއި ހިދުމަތް ދެވޭނެ ގޮތެއް ނެތިގެންނެވެ.

އަދި އިސްރާއީލްގެ އަސްކަރިއްޔާ އިން ދާދި ފަހުން ވަނީ ހޮސްޕިޓަލްގައި ތިބި އެންމެން އެ ތަނުން ނުކުންނަން އަންގައިފައެވެ. އެ ހޮސްޕިޓަލްގެ ތެރޭގައި ތިބި ބަލި މީހުންނާއި ސިއްހީ ހިދުމަތްތެރިންނާއި ހިޔާވަހިކަން ހޯދައިގެން ތިބި މީހުންނާ އެކު، 7،000 އަށް ވުރެ ގިނަ މީހުން އެބަތިބިއެވެ. އޭގެ ތެރެއިން ބައެއް މީހުން އެ ހޮސްޕިޓަލް ދޫކޮށް ދިޔައިރު، އިސްރާއީލް ސިފައިން ވަނީ ބައެއް މީހުންގެ ގަޔާ ދިމާލަށް ބަޑި ދިއްކޮށް ބިރު ދައްކައިގެން ވެސް އެ ތަނުން މީހުން ނެރެފައެވެ.

އިސްރާއީލް ސިފައިން މިދިޔަ ބުދަ ދުވަހުން ފެށިގެން ޝިފާ ހޮސްޕިޓަލް ކައިރީގައި ހަރަކާތްތެރިވަމުންދާ އިރު، އެމީހުން މިހާރު ވަނީ ހޮސްޕިޓަލް ތެރެއަށް ވަދެގެންފައެވެ. އިސްރާއީލުން ބުނާ ގޮތުގައި އެ ތަން ބަލައި ފާސް ކުރިއިރުގައި، ހަމާސްގެ މުޖާހިދުންގެ ބަޑިތަކާއި ބޮމާއި ވަޒަނާއި ފެނިފައިވެއެވެ. އެކަމަކު، ހަމާސް އިން އެކަން ދޮގު ކުރެއެވެ. ހަމާސް އިން ބުނެފައި ވަނީ އެއީ އިސްރާއީލުން އެ ތަނަށް ފޮށިފޮށީގައި ވެއްދި ތަކެތި ކަމަށެވެ. އަދި އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ މީހުން އެގޮތަށް ކަންތައް ކުރަނީ ޝިފާ ހޮސްޕިޓަލްގެ ތެރޭގައި ހަތިޔާރު ހުރި ކަމަށް ދައްކައިގެން އެ ތަން ހުސް ކުރުމަށް ފަހު ތަން ގޮއްވާލަން ކަމަށްވެއެވެ.

ޑަބްލިއުއެޗްއޯގެ ޓީމަކުން އިއްޔެ ވަނީ ހޮސްޕިޓަލަށް ޒިޔާރަތްކޮށްފައެވެ. ޑަބްލިއުއެޗްއޯ އިން ބުނީ ޝިފާ ހޮސްޕިޓަލްގައި ބަލި މީހުންގެ ގޮތުގައި އެތައް ސަތޭކަ ބަޔަކު އަދިވެސް އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ސީރިއަސް ހާލަތުގައި ތިބި މީހުންނާއި އިންފެކްޓްވެފައިވާ ބަލި މީހުންނާއި ހަށިގަނޑަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ގުޑާ ވެސް ލެވިފައި ނުވާ މީހުން ހިމެނޭ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ ދެކުނުގެ ހޮސްޕިޓަލަށް ގެންދިޔަ ތުއްތު ކުދިން މިއަދުގެ ވަގުތެއްގައި އާއިލާއާ އެކުގައި މިސްރަށް ފޮނުވާލާނެ ކަމަށެވެ.