އިސްރާއީލުގެ ސިފައިން ޣައްޒާގެ އިންޑޮނޭޝިއަން ހޮސްޕިޓަލު ވަށާލައިފި ކަމަށް އެ ސަރަހައްދުގައި ތިބި މީހުންނާއި ހަވާލާދީ މީޑިއާ ތަކުން ރިޕޯޓު ކޮށްފިއެވެ.

ޣައްޒާގެ އުތުރުގެ ބެއިތް ލާހިޔާގައި ހުންނަ އިނޑޮނޭޝިއާގެ ހޮސްޕިޓަލާއި ކައިރީގައި ދިރިއުޅޭ މީހުންނާއި ހަވާލާދީ ޣައްޒާގައި ހުރި އަލް ޖަޒީރާގެ ނޫސްވެރިޔަކު ބުނެފައިވަނީ ނިރުބަވެރި ސިފައިން މިހާރު އެ ހޮސްޕިޓަލު ވަށާލައިފި ކަމަށާއި، އެމީހުން ދަނީ ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދު ތަކަށް ބޮން އަޅަމުން ކަމަށެވެ.

”މަންޒަރު ދުށް ފަރާތްތަކުން ދީފައިވާ މައުލޫމާތު ތަކަށް ބަލާއިރު، ލަފާ ކުރެވެނީ އަލް ޝިފާ ހޮސްޕިޓަލަށް ވީ ގޮތް އިސްރާއީލު ސިފައިން ތަކުރާރު ކުރަން އުޅޭ ކަމަށް. މިހާރު ކަންތައް އޮތް ގޮތުން އެމީހުން އިންޑޮނޭޝިއަން ހޮސްޕިޓަލު ތެރެއަށް ވަދެގަންނަން މަސައްކަތް ކުރާނެ ކަމަށް ބެލެވޭ.” ޣައްޒާގެ ހުރި ނޫސްވެރިޔާ ބުނެފައި ވެއެވެ.

ހަމާސް އިން އަލް ޝިފާ ހޮސްޕިޓަލުގައި ކޮމާންޑު ސެންޓަރެއް ހިންގާ ކަމަށް ބުނެ ނިރުބަވެރިން ވަނީ ޓޭންކު ތަކާއި އެކު އަލް ޝިފާ ހޮސްޕިޓަލު ވަށާލައި އެ ހޮސްޕިޓަލު ހިސޯރު ކޮށްފައެވެ. އޭރު ހޮސްޕިޓަލު ދޫކޮށް ދާން މަސައްކަތް ކުރި ބައެއް މީހުން ވަނީ ޝަހީދުވެސް ކޮށްލާފައެވެ. އަދި ހޮސްޕިޓަލު ރެއިޑް ކުރުމަށްފަހު، ހޮސްޕިޓަލު ހުސްކުރަން އަންގާ، ހޮސްޕިޓަލުގައި ތިބި އެތައް ބަޔަކު ގަދަބާރުންވެސް ވަނީ ނެރެފައެވެ. އެމީހުން ހޮސްޕިޓަލުގައި ކުރިއަށް ގެންދިޔަ ރެއިޑްގައި ހޮސްޕިޓަލުގެ މުހިންމު ތަންތަނާއި، ސިއްހީ އާލާތްތައް ސުންނާފަތި ކޮށްލާފައިވާއިރު، ހޮސްޕިޓަލުގައި ތިބި މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ކޮށްފައެވެ. އަދި އޭގެ އިތުރުން ހޮސްޕިޓަލުން ތެޔޮ ހުސްވެ، ސިއްހީ ހިދުމަތްތައް ހުއްޓިފައިވީއިރު، ހޮސްޕިޓަލުގައި ތިބި އެތައް ބަލިމީހުންނާއި، ތުއްތު ކުދިންގެ ފުރާނަ ވަނީ ގެއްލިފައެވެ.

އިސްރާއީލު ސިފައިން އިންޑޮނޭޝިއަން ހޮސްޕިޓަލު ވަށާލާފައި ވާއިރު، ހޮސްޕިޓަލުގެ ޖަނަރޭޓަރު ވެސް ހުއްޓިފައިވާ ކަމަށް ނޫސްވެރިޔާ ބުނެފައި ވެއެވެ. ތެޔޮ ހުސްވުމުގެ ސަބަބުންނާއި ނިރުބަވެރި ސިފައިންގެ ހަމަލާ ތަކުގެ ސަބަބުން ގިނަ ހޮސްޕިޓަލުތައް ބަންދު ކުރަން ޖެހިފައިވާއިރު، އެ ހޮސްޕިޓަލަކީ މިހާރު ޣައްޒާ ސިޓީ އަދި އުތުރު ޣައްޒާގައި ސިއްހީ ހިދުމަތް އަދިވެސް ދެވޭތޯ މަސައްކަތް ކުރަމުންދާ ހަމައެކަނި ހޮސްޕިޓަލެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެ

    ނިރުބަވެރި އިޒްރާއިލް ސިފައިން ގޮތް ހުސްވީ. ހަނގުރާމައިގަ އެއްވެސް ކުރިއެރުމެން ނުލިބޭތީވެ، ހަދާނެ ނުހަދާނެ ގޮތެއް ނެއިގިގެން އެންވެސް ކުޝެންނެތް އާންމުން މަރަމުން އެދަނީ.