ފަލަސްތީނުގެ ޣައްޒާ އަށް ވަދެ، ހަނގުރާމަ ކުރަމުން އަންނަ އިސްރާއީލް އަސްކަރިއްޔާގެ އިތުރު ދެ ނިރުބަވެރިން މަރާލައިފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން އިއުލާން ކުރި ގޮތުގައި ދެ ސިފައިންގެ މީހުން ވެސް މަރުވީ ޣައްޒާގެ އުތުރުގެ ސަރަހައްދުގައި ހަނގުރާމަ ކުރަމުން ދަނިކޮށެވެ. މިއާއެކު، ޣައްޒާ އަށް ވަދެ ހަނގުރާމަކުރަނިކޮށް މަރާލި އިސްރާއީލް ސިފައިންގެ އަދަދު ވަނީ 68 އަށް އަރައިފައެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އެންމެ ފަހުން މަރުވެފައި ވަނީ އުމުރުން 26 އަހަރުގެ ގިވަޓީ ބްރިގޭޓްސް ބެޓަލިއަންގައި ހިމެނޭ ކެޕްޓަންގެ އާނޮން މޮޝޭ އަވްރަހަމް އާއި ގިވަޓީ ބްރިގޭޑްސްގެ ބެޓަލިއަންގައި ހިމެނޭ އުމުރުން 29 އަހަރުގެ ސްޓާފް ސާޖަންޓް އިލްޔާ ސެންކިންއެވެ.

މީގެއިތުރުން އިސްރާއީލްގެ ރިޒާވް ސިފައިންގެ ދެ މީހަކާއި އަސްކަރިއްޔާގައި ހިމެނޭ ތިން ސިފައިންގެ މީހަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.