ނިރުބަވެރިން ޣައްޒާއާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން ދިން ހަމަލާއެއްގައި ހަތަރު ޑޮކްޓަރަކު ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި ޣައްޒާގެ ހަތަރު ޑޮކްޓަރުން ޝަހީދުވެފައިވަނީ ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އިތުރުގެ ޖަބަލިއާ ކޭމްޕް ސަރަހައްދުގައި ހުންނަ އަލް އަވްދާ ހޮސްޕިޓަލަށް ދިން ހަމަލާގައެވެ.

ނިރުބަވެރިން އަލް އަވްދާ ހޮސްޕިޓަލަށް ހަމަލާދީފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މި ހަމަލާގައި ހަތަރު ޑޮކްޓަރުން ޝަހީދުވެފައިވާއިރު، އިތުރު ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ސީދާ އަދަދެއް މީޑިއާތަކުން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ނިރުބަވެރިން އަލް އަވްބާ ހޮސްޕިޓަލަށް ހަމަލާދީފައިވާއިރު، ނިރުބަވެރިން އަންނަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހުންނަ ހޮސްޕިޓަލްތަކަށް ނުރައްކާތެރި ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ގިނަ ހޮސްޕިޓަލްތަކުގެ ހިދުމަތްތައް ހުއްޓިފައިވާއިރު، ގިނަ ތަންތަން ވަނީ މިވަގުތު ހުސްކޮށްފައެވެ.

ނިރުބަވެރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 13،000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 30،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.