ފަލަސްތީނުގެ ޣައްޒާގައި ހުންނަ ނުސޭރަތު ރެފިއުޖީ ކޭމްޕަށް ނިރުބަވެރި އިސްރާއީލުން އަނެއްކާވެސް ވައިގެ ހަމަލާއެއް ދިންއިރު، އިތުރު ރެފިއުޖީ ކޭމްޕަކަށްވެސް ހަމަލާދީ ގިނަބަޔަކު ޝަހީދުކޮށްލަައިފިއެވެ.

އިސްރާއީލުން އިއްޔެ ވެސް ވަނީ ނުސޭރަތް ކޭމްޕަށް ހަމަލާދީ ގިނަބަޔަކު ޝަހީދުކޮށްލައިފައެވެ. އަލް ގުދުސް ނެޓްވޯކް އިން ބުނެފައިވާގޮތުގައި އިއްޔެގެ ހާދިސާގައި ޝަހީދުވި މީހުންގެ އަދަދު 20 އަށް ވަނީ އަރާފައެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުގައި އިސްރާއީލުން އެންމެ ފަހުން ޣައްޒާގެ މެދުތެރޭގެ ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ފަލަސްތީނުގެ ނުވަ މީހަކު ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއަށް މައުލޫމާތު ދެމުން މެޑިކަލް މަސްދަރުތަކުން ބުނީ އަޔާޝް އާއިލާގެ ގެއަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

ނަން ހާމަނުކުރާ ފަރާތަކުން ވަފާއަށް މައުލޫމާތު ދިން ގޮތުގައި ޣައްޒާގެ އިރުއުތުރުގައި ހުންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން އިތުރު ހަމަލާއެއްގައި ވެސް އެތައް ބަޔަކު ޝަހީދުވެފައިވާ ކަމަށް ބެލެވެއެވެ.