އިންޑިއާ އިން ފަލަސްތީނުގެ ރެފިއުޖީންނަށް 2.5 މިލިއަން ޑޮލަރު ދީފިއެވެ.

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ބޭނުންވެފައިވާ މި އެހީ އިންޑިއާ އިން ހަވާލުކޮށްފައި ވަނީ އދ. ގެ ޔޫއެންއާރުޑަބްލިއުއޭއާ އެވެ. މިދިޔަ މަހުގެ 7 އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އެކި ހިސާބުތަކަށް ބޮން އެޅުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.

ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި މީގެކުރިން ދެ ފަހަރެއްގެ މަތިން އިންޑިއާ އިން ވަނީ އިންސާނީ އެހީ މިސްރަށް ފޮނުވައިފައެވެ. އެގޮތުން އެންމެ ފަހުން މިސްރުގެ ރެޑް ކްރެސެންޓަށް އިންސާނީ އެހީ ހަވާލުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މީގެކުރިން ވިދާޅުވެފައި ވަނީ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް އަމާޒުކޮށް ދިނީ "ޓެރަރިސްޓް" ހަމަލާތަކެއް ކަމަށާއި އެކަން ކުށްވެރި ކުރައްވާފައި ވާނެ ކަމަށެވެ. ހަމައެގޮތަށް އިސްރާއީލް އާއި ހަމާސްއާ ދެމެދުގައި ކުރިއަށްދާ ހަނގުރާމައިގެ ތެރޭގައި ކުށެއް ނެތް އެތައް އާންމުންނެއް މަރުވަމުންދާތީވެ، އެކަން ވެސް ކުށްވެރި ކުރައްވާ ކަމަށް މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ އެކީގައި ކުރެއްވުނު މަޝްވަރާތަކުގެ އަލީގައި ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި މިއީ އެހެން ގައުމުތަކުން ވެސް ފަލަސްތީނަށް އެހީވާންވީ ވަގުތު ކަމުގައި މޯދީ ވިދާޅުވިއެވެ.

އިންޑިއާ އިން ބުނާ ގޮތުގައި ހަމާސް އާއި އިސްރާއީލްއާ ދެމެދު ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އައިއިރު 70 ޓަނުގެ އިންސާނީ އެހީ ޣައްޒާ އަށް ފޮނުވާފައިވާނެއެވެ. އޭގެ ތެރޭގައި 16.5 ޓަނުގެ ބޭހާއި ސިއްހީ ސާމާނު ހިމެނޭ ކަމަށް ވެސް އިންޑިއާ އިން ބުނެއެވެ. އިންޑިއާ އިން ބުނީ މި އެހީ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މިސްރުން އަދާކުރާ ދައުަރަށް ޝުކުރު އަދާކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެހީ ދިނުމުގައި ދެމިތިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައުންސެލަރު 🙌

    ޝުކުރިއްޔާ އިންޑިއާ.

    4
    5
  2. ޝިވާން

    ހަނގުރާމައިގައި ފަލަސްޠީނު ކުށްވެރިކޮށް އަދި ހަނގުރާމަ ކުރިއަށް ގެންދިއުމަށް ހިތްވަރުދޭ ބަޔަކު ހެޔޮ ނިޔަތެއްގައި އެހީއެއް ނުދޭނެ. މީހުން މަރުން ސަލާމަތްވުމަށް ރައްކާތެރިކަން ނުލިބިގެން އުޅޭބަޔަކަށް ފައިސާ ދިނުމުން އެއިން ވާނެ ކަމެއް އެބަ އޮތްތޯ؟ އެރައްޔިތުންނަށް ކަމެއް ކޮށް ދެންޏާ؛ ފުރަތަމަ ކަމަކަށް ކުށެއް ނެތް ރައްޔިތުންނަށް ސަލާމަތްތެރި ކަމެއް ލިބޭނެ ގޮތެއް ހޯދައިދިނުމަށް ނޫންތޯ މެދުނުކެނޑި މަސައްކަތް ކޮށްދޭންވީ. ބޮޑެތި އިސްލާމީ ޤައުމުތަކުންވެސް މިމަސައްކަތް އެކަށީގެންވާ މިންވަރާއި ގާތަށްވެސް ކުރާ ތަނެއް ނުފެނޭ. މުބާރާތެއްގެ މެޗެއްގެ ކުޅި ބަލަން ތިބޭހެން
    މަރާނެވަރަކަށް މީހުން މަރާތަން ބަލަން އެޤައުމުތަކުން ތިބޭހެން ހީވަނީ.