ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ރައްޔިތުންނަަަށް އަމާޒުކޮށްދިން ހަމަލާތަކުގައި ފަލަސްތީނުގެ 200 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރާއި ހަވާލާދީ އަލް ގުދުސް ނެޓްވޯކް އިން ރިޕޯޓްކޮށްފައިވާގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ 200 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

އިސްރާއީލުން ރޭވެސް ވަނީ ޣައްޒާގެ އެތަންމިތަނަށް ބޮން އަޅައިފައެވެ. މިގޮތުން ޣައްޒާގެ ދެ ރެފިއުޖީ ކޭމްޕަކަށް ރޭ ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލާފައި ވެއެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހު ފެށި މި ކުރިމަތިލުންތަކުގައި އިއްޔެއާ ހަމައަށް ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 14،000 އަށް އަރާފައިވާ ކަމަށް ޣައްޒާ ސަރުކާރުން ވަނީ ބުނެފައެވެ.

ޣައްޒާ ސަރުކާރުން އާންމު ކުރި މައުލޫމާތަށް ބަލާއިރު، އިއްޔެއާ ހަމައަށް ނިރުބަވެރިން ވަނީ ޣައްޒާގެ 14،128 މީހަކު ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި 5،600 އަށްވުރެ ގިނަ ކުޑަކުދިންނާއި 3،550 އަށްވުރެ ގިނަ އަންހެނުން ހިމެނޭ ކަމަށް ޣައްޒާ ސަރުކާރުން ވަނީ ބުނެފައެވެ.