ފަލަސްތީނުގެ ޣައްޒާގައި ވަންނާނެ ގެދޮރެއް ނެތި، ބޯހިޔާވަހިކަން ހޯދަން ދިޔަ ބަޔަކަށް ނިރުބަވެރިން ހަމަލާދީފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ޣައްޒާގެ ރައްޔިތުންނަށް ނިރުބަވެރިން ހަމަލާދީފައިވަނީ އެމީޙުންގެ ގެތައް ހުންނަ އުތުރު ޣައްޒާއަށް ދިޔަ ވަގުތު ކަަމަށެވެ.

މިހަމަލާގެ ސަބަބުން ދެމީހަކު ޝަހީދުވެފައިވާއިރު، 11 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ރިޕޯޓްތަކުން ބުނީ ޒަހަމްވެފައިވާ މީޙުންގެ ފަޔަށް އަމާޒުކޮށް ނިރުބަވެރިން ބަޑި ޖަހާފައިވާ ކަމަށެވެ.

ޣައްޒާގެ އުތުރަށް ދަތުރު ކުރަމުން ދިޔަ ބަޔަކަށް ނިރުބަވެރިން ހަމަލާދީފައިވާއިރު، ހަތަރު ދުވަހުގެ މުއްދަތަކަށް ހަމަލާތައް މިހާރު ވަނީ ހުއްޓާލާފައެވެ. އަދި ނިރުބަވެރިން ވަނީ އެމީހުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް މަދު ކުރާނެ ކަމަށް ވެސް ބުނެފައެވެ.

ކުރިއަށް އޮތް ހަތަރު ދުވަހު ހަނގުރާމަ ހުއްޓާލަން މުޖާހިދުންނާއި ނިރުބަވެރިން އެއްބަސްވެ، މިވަގުތު އަންނަނީ ގައިދީން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ގައިދީން ބަދަލު ކުރުމުގެ މަސައްކަތް ކުރުމުގެ މަސައްކަތް ކުރި ނަމަވެސް މުޖާހިދުން ބުނެފައިވަނީ ނިރުބަވެރިންގެ ބެލުމުގެ ދަށުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ދޫކުރުމަށްފަހު، އެރައްޔިތުންނަށް ހަމަލާ ނުދޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށުނު މިހަނގުރާމައިގެ ތެރޭގައި މިހާތަނަށް ފަލަސްތީނުގެ 14،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 35،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާދީފައިވާ ކަަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.