ނިރުބަވެރިން ހައްޔަރު ކޮށްފައި ތިބި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 39 މީހަކު މިރޭ ދޫކޮށްލައިފިއެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާއި ނިރުބަވެރިން މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށި ހަނގުރާމަ މިއަދު މެދުކަނޑާލާފައިވަނީ ކުރިއަށް އޮތް ހަތަރު ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތުގައި ދެ ފަރާތުން ވެސް ހައްޔަރު ކޮށްފައިވާ މީހުން ދޫކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މިރޭގެ ވަގުތެއްގައި ދެފަރާތުން ހައްޔަރު ކޮށްފައިވާ މީހުން ދޫކޮށްފައިވާއިރު، ނިރުބަވެރިން ވަނީ އެމީހުން ހައްޔަރު ކޮށްފައި ތިބި މީހުންގެ ތެރެއިން 39 މީހަކު ދޫކޮށްލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ.

ހަމާސް ޖަމާއަތުން ވަނީ އިސްރާއީލުގެ 24 މީހަކު ދޫކޮށްލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިސްރާއީލުގެ 13 މީހަކާއި ތައިލޭންޑުގެ 10 މީހެއްގެ އިތުރުން ފިލިޕިންސްގެ އެކަކެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ދެފަރާތުން ދޫކޮށްލި މީހުން އުފުލުގެ ކަންކަން ކޮށްފައިވަނީ ރެޑް ކްރެސެންޓުގެ ފަރާތުންނެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް ހަނގުރާމަ މެދުކަނޑާލުމަށް ނިންމާފައިވާއިރު، މިއަދުގެ ވަގުތެއްގައި ވެސް ނިރުބަވެރިން ވަނީ ޣައްޒާގެ އުތުރުގެ ސަރަހައްދަށް ހަމަލާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ހުރިހާ ކްރެޑިޓެއް ހަމަ ހަމާސްއަށް. އެމީހުންގެ ޑިމާންޑްއެއީ ފުރަތަމަ ދުވަހުންފެށިގެންވެސް. މީހުންއެތައްއަހަރެއްފަހުން އާއިލާޔާއެގުޅެނީ ޕްރޮޓެސްޓްތަކުގެ ސަބަބަކުންވެސްނޫން، އިސްލާމީ ގައުމުތަކުގެވެރިންނާ އިލްމުވެރިންގެ ސަބަބަކުންވެސްނޫން، ބޯއިކޮޓްގެ ސަބަބަކުންވެސްނޫން. ހަމަސީދާ ހަމާސްގެ ހިއްވަރުގަދަކަމުން ﷲކާމިޔާބުދެއްވީ....އިސްލާމީ އުއްމަތްއޮތީ ދުނިޔެއައްވިކި ހުސްވެފަ މަދުބަޔަކު ފިޔަވާ.