ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ލަންޑަންގައި އިއްޔެ ބޭއްވި ބޮޑު ހިނގާލުމެއްގައި މުޒާހަރާގެ ބައިވެރިން ޣައްޒާގައި ޔަހޫދީން ކުރާ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ގޮވާލައިފިއެވެ.

4 ދުވަހަށްކަމަށް ބުނެ ހަނގުރާމަ މަޑުޖައްސާލާފައިވާއިރު، އެކަމުން ލިބޭނީ ކުޑަ ލުޔެއް ކަމުގައި ވާއިރު، 7 ހަފްތާއަށް ކުރިޔަށް ދިޔަ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 15،000 މީހުންވަނީ ޝަހީދުވެފައެވެ.

އެ ގޮތުން ސެންޓްރަލް ލަންޑަންގެ މަގުތަކަށް އިއްޔެ ލައްކައިން މީހުން ނިކުމެ މަގުތައް ފުރާލީ ޣައްޒާގައި ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އަޑުއުފުލަމުންނެވެ. އެ ގޮތުން ފަލަސްތީނުގެ އެއްބައިވަންތަކަމުގެ ކެމްޕޭނުން ލަފާކޮށްފައިވާ ގޮތުގައި "ޣައްޒާއަށް ހަމަލާ ދިނުން ވަގުތުން ނިމުމަކަށް ގެނައުމަށް" ގޮވާލާ 300،000 މީހުންނާއި ކައިރިކުރާ އަދަދަކަށް މީހުން ހިނގާލުމުގައި ބައިވެރިވިއެވެ.

މީގެ 7 ހަފްތާ ކުރިން ނިރުބަވެރިން ފަލަސްތީނުގެ ޣައްޒާގައި ހިންގި ގަތުލް އާންމާއި ދެކޮޅަށް ލަންޑަނާއި ދުނިޔޭގެ ސިޓީތަކުގައި މުޒާހަރާތަކާއި އެއްބައިވަންތަކަމުގެ ހިނގާލުންތައް ވަނީ ބާއްވައިފައެވެ. ނަމަވެސް ބައެއް ގައުމުތަކުގައި ބާއްވާ އެއްވުންތަކުގައި އެގައުމުގެ ސިފައިން އަންނަނީ ގިނަ ބަޔަކު ހައްޔަރު ކުރަމުންނެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތައް ވަގުތީ ގޮތުން ހުއްޓުމަށް އެއްބަސްވި ނަމަވެސް މިހާރު ވެސް ޣައްޒާގެ ބައެއް ސަރަހައްދުތަކަށް ހަމަލާދެމުން އަންނަ ކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. .

    އެހެންތަ؟ ޣައްޒާގެ މުސްލިމުން އެބައިމީހުންގެ ބިން ޙިމާޔަތްކުރަން ކޮންމެފަދަ ޤުރުބާނީއެއް ވެސް ވާން ތައްޔާރު! ޔަހޫދީން ދުނިޔޭގެ ޗަޓުން ނައްތާލާފަ ނޫނީ މުޖާހިދުން މައިތިރިއެއް ނުވާނެ!

    5
    2