އިސްރާއީލާއި ހަމާސް އާ ދެމެދުގައި ކުރިއަށްދާ ހަނގުރާމަ މެދުކަނޑާލާފައި އޮތް އިރު، އެ ހަނގުރާމަ ދެން އިތުރަށް ކުރިއަށް ނުގެންގޮސް އެއްކޮށް ހުއްޓާލުމަށް އދ. އިން ގޮވާލައިފިއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ އިސްރާއީލް އާއި ހަމާސް އާ ދެމެދު ހިންގާ ހަނގުރާމަ އެއްކޮށް ހުއްޓާލައި ދެ ގައުމުގެ ރައްޔިތުންވެސް މިނިވަންކަމާއެކީ އުޅުމަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި މިއީ ދެ ގައުމަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އދ. އިން މި މަސައްކަތްތަކަށް ކުރެވެން އޮތް ހުރިހާ ގޮތަކުން އެއްބާރުލުން ދެމުން ގެންދާނެ،" ގުޓްރެސް ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް އިސްރާއީލާއި ހަމާސްއާ ދެމެދުގައި ހަނގުރާމަ މެދުކަނޑާލާފައި ވަނީ މިސްރާއި ގަތަރު މުހިންމު ރޯލެއް އަދާކުރުމުގެ ސަބަބުންނެވެ. ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވި މުއްދަތު މާދަމާގެ ވަގުތެއްގައި ހަމަވި ނަމަވެސް އިސްރާއީލާއި ހަމާސްއާ ދެމެދުގައި ކުރިއަށް ދިޔަ މަޝްވަރާތައް ކޮޅެއްގައި ޖެހި، އިތުރު ދެ ދުވަހަށް ހަނގުރާމަ މެދުކަނޑާލަން މިހާރު ވަނީ އެއްބަސްވެފައެވެ.

ގުޓަރެސްގެ ތަރުޖަމާނު ސްޓެފަން ޑޫޖާރިކް ވިދާޅުވީ މި ހަނގުރާމަ ހުއްޓާލުމަކީ އިސްރާއީލާއި ޣައްޒާއަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ހަމާސްއިން ހިފަހައްޓާފައިވާ އަސީރުން ވަގުތުން ޝަރުތުތަކާ ނުލައި ދޫކޮށްލުމަށްވެސް އޭނާ ވަނީ ގޮވާލައްވައިފައެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުވެފައިވާކަން ފާހަގަ ކުރެވިފައިވީ ނަމަވެސް ޣައްޒާގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓިފައިވާ ކަމަށް ޑޫޖާރިކް ވަނީ ވިދާޅުވެފައެވެ. އެކަމަކު، އެ ހިސާބަށް ވެސް އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ޣައްޒާގައި ގެދޮރު ގެއްލިފައިވާ 1.7 މިލިއަން މީހުންނަށް އދ.އިން އެހީ ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބާބޫ

    ބަލިކަށި ދަތްނެތް ސިންގާއެއްގެ ހަޅޭކަށް ބަލާނީ ފަހެ ކާކު ހެއްޔެވެ. މިއަދު ދުނިޔޭގައި އދ ގެ ބާރެއް އެބައޮތްހެއްޔެވެ؟

  2. Anonymous

    ހުޅާނގުން ނުރުހޭ ކަމެއް ކުރާ ބަޔަކަށް ފިޔަވަޅު އަޅަން އެމީހުންގެ ބާރު އޮންނާނެ!

    މިއުއްމަތަށް ބޭނުންވަނީ އުއްމަތުގެ ޙައްޤުގައި ޖިހާދު ކުރާނޭ ބަޔަކުު. ތިޔަ ދެފުށްދެގޮތް ހުޅަނގުގެ ސިޔާސަތަކީ އިސްލާމީ އުއްމަތް ރައްކާތެރިކޮށްދޭނޭ އެއްޗެއްނޫން.

    ހިތާމަޔަކީ މުސްލިމު ޤައުމުތަކުގެ ވެރިންނަށް އެކައްޗެއްކިޔައިގެން އެއްބައިވަންތަކަން ނުދެއްކޭތީ.