މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތާ ދެމެދުގައި ކުރިއަށްދާ ހަނގުރާމަ ހަތަރު ދުވަހަށް މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން މިހާތަނަށް އައިއިރު ފަލަސްތީނުގެ 117 ރައްޔިތުން ދޫކޮށްލައިފިއެވެ.

އިސްރާއީލާއި ހަމާސް އާ ދެމެދުގައި ކުރިއަށްދާ ހަނގުރާމަ މެދުކަނޑާލީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ. ހަމަލާތައް މެދުކަނޑާލާފައި އޮންނަ ހަތަރު ދުވަހުގެ ތެރޭގައި، ހަމާސް ޖަމާއަތުން އިސްރާއީލްގެ 50 މީހުން އަދި ފަލަސްތީނުގެ 150 ރައްޔިތުން މިނިވަން ކުރާނެއެވެ. އެގޮތުން ފުރަތަމަ ތިން ދުވަހުގެ ތެރޭގައި އިސްރާއީލުން ވަނީ 117 ފަލަސްތީނުގެ ރައްޔިތުން މިނިވަންކޮށްފައެވެ. ހަމާސް އިން ވަނީ އޮކްޓޯބަރު 7 ގައި އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންދިޔަ 39 މީހުން ދޫކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.

އޭގެތެރޭގައި އިސްރާއީލްގެ ރައްޔިތުންނާއި އިސްރާއީލްގައި މަސައްކަތް ކުރާ ތައިލެންޑް، ފިލިޕީންސްގެ މީހުން ވެސް ހިމެނެއެވެ. މި އެއްބަސްވުމާ އެކުގައި އިސްރާއީލުން އަދި 33 ރައްޔިތުން މިނިވަން ކުރަން ޖެހޭއިރު، ހަމާސް އިން 11 މީހުން މިނިވަން ކުރަން ޖެހެއެވެ. މިރެއާއި މާދަމާގެ ވަގުތުތަކުގައި މި ހުރިހާ އެންމެން ވެސް ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.

ހަމާސް އިން އޮކްޓޯބަރު ހަތް ވަނަ ދުވަހު ދިން ހަމަލާއަށް ފަހު ހަމާސްގެ ހަނގުރާމަވެރިން ވަނީ އިސްރާއީލުން 237 މީހުން އަސީރުންގެ ގޮތުގައި ޣައްޒާ އަށް ގެންގޮސްފައެވެ.

ހަނގުރާމަ މެދުކަނޑާލުމުން ޣައްޒާގެ ރައްޔިތުން އެމީހުންގެ ގެދޮރުތަކަށް ވަނީ ގޮސްފައެވެ. ނަމަވެސް އެތަންތަނުން ފެނިގެންދިޔައީ ރީތި އިމާރާތާއި ގެޔާއި ގެދޮރުގެ ބަދަލުގައި ވިރާނާވެފައިވާ ގާ ފުނިފުންޏެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި 6،150 ކުޑަކުދިން ހިމެނޭ ގޮތަށް 14،800 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެފައިވާ އިރު، އިސްރާއީލުގައި ހަމާސްގެ ހަމަލާގައި މަރުވި މީހުންގެ ރަސްމީ އަދަދު 1،200 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝްރޭ

    10 ހާހުން މަތީގައި ރަހީނުކޮށްގެއް ގެންގުޅޭ ފަލަސްތީނު ރައްޔިރުންގެ ތެރެެއިން.. މީ ދޫކުރާ މިންވަރު.. ހިތާމަހުރި،، މީގެ ބަދަލުގައި 500 މީހުން އަލުން ރަހީނުކުރޭ.. މީ އެއްވެއް އިންސާފް ވެރި ކަމެއްނޫން.. ފެށުނީއްސުރެެއް ފޮރުވަން އުޅެފައިވާ ހަޤީގަތެއްމީ،، 04 ދުވަހަކަށް ހަނގުރާމް ހުއްޓާލީ އޭ ބުނެ ބަރާބަރަށް ބޮން އަޅާ،، ހަނގުރާމަ ކުރުމަކީ ހަތިޔާރާ އެކު 2 ބައެއްގެ މެދުގައި ހިނގާ ތަޅާފޮޅުންގަނޑެއް،، އެހެން ނެއްނޫން ފަލަސްތީނުގައި މިވަނީ.. ހިތާމަހުރި ކަން،ކަން.. ކުރެވޭނެ ކަމެއް ނެތަސް ވިސްނާ ފިކުރުކޮށްލޮ މީހަކަށް އިނގޭނީ،،،