އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމު އިތުރު ދެ ދުވަހަށް ހުއްޓާލަން އެއްބަސްވެއްޖެއެވެ.

އިސްރާއީލް އާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތާ ދެމެދު ކުރިއަށްދާ ހަނގުރާމަ މެދުކަނޑާލަން ފުރަތަމަ ނިންމީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ. ހުކުރު ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ހަނގުރާމަ މެދުކަނޑާލިއިރު، އެ މުއްދަތު ހަމަވާން އޮތީ މާދަމާގެ ވަގުތެއްގައެވެ. އެކަމަކު، ގަތަރާއި މިސްރުން ކުރި މަސައްކަތުން އިތުރު ދެ ދުވަހަށް މިވަނީ ހަނގުރާމަ މެދުކަނޑާލަން އެއްބަސްވެފައެވެ.

މިސްރުގެ ސްޓޭޓް އިންފޮމޭޝަން ސާވިސް (އެސްއައިއެސް) ގެ ހެޑް ޑިއާ ރަޝްވަން ވިދާޅުވީ އިތުރު ދެ ދުވަހަށް ހަނގުރާމަ މެދުކަނޑާލާފައި އޮންނަ މުއްދަތުގައި އިސްރާއީލްގެ 20 އަސީރުންނާއި ފަލަސްތީނުގެ 60 ރައްޔިތުން ޖަލުތަކުން މިނިވަން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އިސްރާއީލްގެ 11 އަސީރުން މާދަމާ މިނިވަން ކުރުމާ އެކު، ފަލަސްތީނުގެ އިތުރު 33 މީހުން މިނިވަން ކުރަން މަޝްވަރާތައް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސްތީނުގެ ޣައްޒާގައި ހުރި އަލް-ޖަޒީރާގެ ނޫސްވެރިޔާ ތާރިގް އަބޫ އަޒޫމް ބުނީ އިތުރު ދެ ދުވަހަށް ހަނގުރާމަ މެދުކަނޑާލަން ނިންމުމާ ގުޅިގެން ޣައްޒާ އަށް އިތުރު އެހީގެ ޓްރަކްތައް ވަނުމަށް ފުރުސަތު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މިހާތަނަށް އައިއިރު، ޣައްޒާ އަށް މާ ގިނަ ޓްރަކްތަކެއް ނުވަންނަ ކަމަށް އޭނާ ބުންޏެވެ.

ދެ ދުވަހަށް ހަނގުރާމަ މެދުކަނޑާލަން ނިންމުމާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން އެކަމަށް މަރުހަބާ ކިޔާ ކަމަށް ވެސް އެ ނޫސްވެރިޔާ ބުންޏެވެ.

"މީގެ މާނައަކީ އިތުރު ދެ ދުވަހުގެ މުއްދަތަކަށް އިސްރާއީލްގެ ހަމަލާތަކުން ސަލާމަތްވުން،" އަބޫ އަޒޫމް ބުންޏެވެ.