ޕަޕުއާ ނިއުގިނީގެ އުތުރު އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ އެ ސަރަހައްދަށް 6.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ނަމަވެސް ސުނާމީގެ އިންޒާރު ނެރެފައި ނުވާ ކަމަށެވެ.

ބިންހެލުން އައިސްފައިވަނީ ޕެސިފިކް ޖަޒީރާ ސްޓޭޓްގެ އިރުމަތީ ސެޕިކް ޕްރޮވިންސްގެ ވެރިރަށް ވެވަކް އަވަށާ ތަންކޮޅެއް ދުރުގައި އޮންނަ އައްސޭރިފަށަށް ގާތްގަނޑަކަށް 20 ކިލޯމީޓަރު ދުރުންނެވެ.

ޔޫއެސްޖީއެސް އިން ބުނީ މި ބިންހެލުން ފެނިފައިވަނީ 12 ކިލޯމީޓަރު އަޑިން ކަމަށާއި އެ ބިންހެލުން އައިސްފައި ވަނީ ރާއްޖެ ގަޑިން ރޭ ދަންވަރު 2:46 ހާއިރު ކަމަށެވެ.

ޕެސިފިކް ސުނާމީ އިންޒާރުދޭ މަރުކަޒުން ވަކި ބުލެޓިންއެއްގައި ބުނެފައި ވަނީ މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

ދެކުނުއިރުމަތީ އޭޝިއާއާއި ޕެސިފިކް ބޭސިންގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ބާރުގަދަ ޓެކްޓޯނިކް އެކްޓިވިޓީގެ އާކެއް ކަމަށްވާ ސިސްމިކް "ރިންގް އޮފް ފަޔާ" ގެ މަތީގައި އޮންނަ ޕަޕުއާ ނިއުގިނީއަށް ބިންހެލުން އައުމަކީ އާންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު