އިންޑިއާގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކު ފައިސާގެ ބޭނުމުގައި ރަހީނުކުރިތާ އެއް ދުވަސް ފަހުން އެ ކުއްޖާ ފެނިއްޖެއެވެ.

އެ ކުއްޖާ ފެނިފައި ވަނީ ކެރެލާގެ ވެރިރަށާ ގާތްގަނޑަކަށް 75 ކިލޯމީޓަރު ދުރުގައި އޮންނަ ކޮއްލަމް ޓައުންގެ މެދުގައި އޮންނަ ބިމަަކަށް ދޫކޮށްލާފައި އޮއްވާއެވެ.

ގިނަ ބަޔަކު ހައިރާންކޮށްލި ކަމަކީ އަންހެނަކާއި ތިން ފިރިހެނުން ހިމެނޭ ގްރޫޕަކުން އަބިގެއިލް ސާރާ ނަމަކަށް ކިޔާ އެ ކުއްޖާ، އޭނާގެ ގެއާ ގާތްގަނޑަކަށް 150 މީޓަރު ދުރުގައި އޮތް ތަނަކުން ކާރެއްގައި ގެންދިޔަޔަ ގޮތާއި ގުޅޭގޮތުންނެވެ. އަދި 20 ގަޑިއިރަށްވުރެ ގިނައިރު ފުލުހުންނާއި ރައްޔިތުންނަށް އެ ކުއްޖާ ނުފެނުމުންވެސް ގިނަބަޔަކު ހައިރާންވިއެވެ.

މިހާރު އާއްމުވެފައިވާ އެ ކުއްޖާގެ ވީޑިއޯއިން ފެނިގެން ދަނީ ފުލުހެއްގެ ކޮނޑުގައި ބޯ އަޅައިގެން އޮތް އެ ކުއްޖާ މެޑިކަލް ޗެކަޕަށް ހޮސްޕިޓަލަށް ގެންދާ މަންޒަރެވެ.

އެ ކުއްޖާ ރަހީނުކުރި މީހުން އޭނާ ދޫކޮށްލާފައި ދިޔުމުން އޭނާ ފެނިފައި ވަނީ އިއްޔެ މެންދުރު ފަހު 1:30 އެހާކަންހާއިރު ދަނޑުގައި ތިބި ބަޔަކަށެެވެ. އަދި ހޯމަ ދުވަހުގެ ހަވީރު 5:00 އިން ފެށިގެން އެ އަންހެން ކުއްޖާގެ ފޮޓޯ އާންމުވެފައިވާތީ އެއީ ގެއްލުނު ކުއްޖާ ކަން ވަނީ ކަށަަވަރުވެފައެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހު ހަވީރު 4:45 ހާއިރު ކޮއްލަމް ކައިރީގައި އޮންނަ އޮޔޫރުގައި އެ އަންހެން ކުއްޖާ އާއި އޭނާގެ އަށް އަހަރުގެ ކޮއްކޮ ޓިއުޝަން ނިންމާފައި ގެއަށް ދަނިކޮށް ކަމަށެވެ. އެގޮތުން އެ މީހުންގެ ކައިރީގައި ހުދު ކުލައިގެ ކާރެއް މަޑުކޮށް، އެ ކުއްޖާ ޖަހައިގެން ގެންދިޔައީ ކަަމަށް ބުނެފައި ވެއެވެ.

އަދި އެ ކުއްޖާގެ މަންމައަށް އަންހެނަކު ގުޅާ ދަރިފުޅު ދޫކުރަނީ 500،000 ރުޕީސް ދިނުމުން ކަމަށް ބުނެފައި ވެއެވެ.

ފުލުހުންނަށް އަދި މިހާތަނަށް އެ ކުއްޖާ ރަހީނު ކުރި މީހުން ހޯދިފައެއް ނުވެއެވެ.