ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނު ހުސްކުރަން އަންގައި، އެމީހުން ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކޮށްފިއެވެ.

ހަފްތާއެއްހާ ދުވަހެއްގެ މުއްދަތަށް ހަމަލާ ބަދަލުކުރުންތައް ހުއްޓާލައި، ހައްޔަރުގައި ތިބި މީހުން މިނިވަން ކުރުމުގެ އެއްބަސްވުމެއް ނިރުބަވެރިންނާއި މުޖާހިދުން އެކުލަވާލާފައިވާއިރު، އިއްޔެ ވަނީ މި އެއްބަސްވުން ނިމިފައެވެ. މިއާއި އެކީ ނިރުބަވެރިން ވަނީ ހަމާސްއާއި ދެކޮޅަށް އަނެއްކާ ވެސް ހަނގުރާމަ އިއުލާނު ކޮށްފައެވެ.

ނިރުބަވެރި އިސްރާއީލް ޑިފެންސް މިނިސްޓަރ، ޔޯވް ގަލަންޓް ބުނެފައިވަނީ ނިރުބަވެރިން ހަނގުރާމައަށް އަނބުރާ ނުކުމެފައިވަނީ ފުރިހަމަ ބާރާއި އެކީ ކަމަށާއި އެކުލަވާލި އެއްބަސްވުމާއި މުޖާހިދުން ހިލާފުވެފައިވާ ކަމަށެވެ. އެއްބަސްވުމާއި ހިލާފުވެފައިވަނީ މިނިވަން ކުރަން ތިބި 15 އަންހެނަކާއި ދެ ކުދިން މިނިވަން ނުކުރުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަޅުގަނޑުމެން ހުއްޓާލި ހިސާބުން އަނެއްކާ ވެސް މިފަށަނީ" އޭނާ ބުންޏެވެ.

އެއްބަސްވުން ނިމުމާއި އެކީ ވައިގެ މަގުންނާއި އެއްގަމު މަގުން ވަރުގަދަ ހަމަލާތަކެއް ޣައްޒާއަށް ދީފައިވާކަން ފާހަގަ ކުރަމުން އޭނާ ބުނެފައިވަނީ އެއީ ވަރަށް ކަމުދާ ފެށުމެއް ކަމަށެވެ. އަދި 1000 ވަރަކަށް ނިރުބަވެރިން ޝަހީދުކޮށްލާފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ނިރުބަވެރިންގެ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައިވާއިރު، ނިރުބަވެރިން ވަނީ ޣައްޒާގެ ދެކުނުގައި ދިރިއުޅޭ ފަރާތްތަކުން އެތަން ހުސްކޮށް، މިސްރާއި ގުޅޭ ރަފާހް ކައިރިއަށް ދިއުމަށް އިންޒާރު ދީފައެވެ. ނިރުބަވެރިން މިފަދަ އިންޒާރެއް ދީފައިވާއިރު، މީގެ ކުރިން ވެސް އެފަދަ އިންޒާރެއްދީ ބައެއް ސަރަހައްދުތަކަށް ވަނީ ހަމަލާދީފައެވެ.