ބަންކަރުތައް ފޫއަޅުވާލެވޭ ފަދަ ބާރުގަދަ ބޮމެއް ކަމަށްވާ “ބަންކަރ ބަސްޓާ” ބޮން އެމެރިކާއިން އިސްރާއީލަށް ފޮނުވަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ

އެމެރިކާގެ އޮފިޝަލުންނާއި ހަވާލާދީ މަޝްހޫރު ނޫސް ‘ދަ ވޯލް ސްޓްރީޓް ޖާނަލް’ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ގޮވުމުގެ ކުރިން ހަރު އެއްޗެހި ފޫއަޅުވާލާ އެތެރެއަށް ވަދެގެންދާ ‘ބީއެލްޔޫ 109” ކިޔާ 100 ބޮން އެމެރިކާއިން އިސްރާއީލަށް ވަނީ ފޮނުވާފައެވެ.

މި ބޮމަކީ 900 ކިލޯއަށް ވުރެ ބަރު ވޯހެޑް އުފުލޭ ބޮމަކަށް ވާއިރު، އަފްޣާނިސްތާނު ހަނގުރާމަ ހިމެނޭހެން އެކި ހަނގުރާމަތަކުގައި އެމެރިކާއިންވެސް ވަނީ މި ބޮން ބޭނުން ކޮށްފައެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި ވައްތަރުގެ ބޮން ފުރަތަމަ ބޭނުން ކޮށްފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަރުމަނުގެ ބިމުއަޑީގެ ރޮކެޓު ކާރުހާނާތައް ގޮއްވާލުމަށެވެ. ބެލެވޭ ގޮތުގައި އިސްރާއީލުން މި ފަދަ ބޮން ބޭނުން ކުރާނީ ހަމާސް ގެ ބިމުއަޑީގެ މަގުތަކާއި ބިންގަރާސްތައް ސުންނާފަތި ކުރުމުގެ ބޭނުމުގައެވެ. މި ބޮންތަކަކީ ބިން ފޫއަޅުވާލެވޭ ފަދަ ބޮންތަކަށް ވީނަމަވެސް، ބޮޑެތި އުސް އިމާރާތްތައް ގޮއްވާލުމުގެ ބަދަލުގައި، މަތިން ވަދެގެންގޮސް ބިންގަލާއި ހަމައަށް ފޫއަޅުވާލައި، އިމާރާތްތައް ބިމާއި ހަމަކޮށްލުމުގެ ގާބިލުކަންވެސް މި ބޮންތަކަށް ލިބިގެން ވެއެވެ.

 

މިއީ އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަައިގައި އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދިން ހަމައެކަނި ހަތިޔާރެއް ނޫނެވެ. އެމެރިކާއިން އާންމުކޮށް ޔުކްރޭނަށް ފޮނުވާ ހަތިޔާރުތަކުގެ ވާހަކަ ފާޅުގައި ދެއްކި ނަމަވެސް، އިސްރާއީލަށް ފޮނުވަމުންދާ ހަތިޔާރުތަކުގެ ވާހަކަތައް އޮންނަނީ ވަރަށް ބޮޑަށް ސިއްރުކޮށްފައެވެ.

ދަ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހަނގުރާމަ ފެށުނު ފަހުން އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޮނުވުން ބޮޑުތަނުން އިތުރު ކޮށްފައިވާ އިރު، ފޮނުވާފައިވާ ހަތިޔާރުތަކުގެ ތެރޭގައި 15000 ބޮމާއި، 57،000 155މިލިމީޓަރުގެ އާޓިލަރީ ޝެލް ހިމެނެއެވެ.

މިއީ އެމެރިކާއިން ކޮންމެ އަހަރަކު އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކަށް ފޯރުކޮށްދޭ އެތައް ބިލިއަން ޑޮލަރުގެ އެހީގެ އިތުރުން ފޯރުކޮށްދެމުންދާ ހަތިޔާރު ތަކެވެ.

ދަ ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާގައި ދިން އެންމެ ނުރައްކާތެރި ބައެއް ހަމަލާތަކުގައި ވަނީ އެމެރިކާއިން އުފައްދާފައިވާ ބޮން ބޭނުން ކޮށްފައެވެ. އޭގެ ތެރޭގައި ޖަބާލިއާ ރެފިއުޖީ ކޭމްޕުގެ އެޕާޓްމެންޓު ބްލޮކެއް ބިމާއި ހަމަކޮށްލި ހަމަލާ ހިމެނެއެވެ. އެ ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ހަމަލާގައި ހަމާސްގެ ލީޑަރަކު ޝަހީދު ވެފައި ވުމުން އެ ހަމަލާއަކީ ސައްހަ ހަމަލާއެއް ކަމަށް އިސްރާއީލުން ބުނެފައި ވެއެވެ.

ހަނގުރާމައިގެ ބައިނަލް އަގުވާމީ ގާނޫނު ‘ޖެނީވާ ކޮންވެންޝަންސް” ގައިވާ ގޮތުން މިފަދަ ބަރު ހަތިޔާރު ބޭނުން ކުރެވޭނީ އަމިއްލަ ދިފާއުގެ އެނޫން ގޮތެއް ނެތް ހާލަތްތަކުގައި އެކަނި ކަމަށްވާ އިރު، އާންމުންގެ އާބާދީ ގިނަ ސަރަހައްދުތަކުގައި މިފަދަ ހަތިޔާރު ބޭނުން ކުރުން މި ގާނޫނު މަނާކުރެއެވެ. ނަމަވެސް އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވަމުންދާ އާންމުންގެ އަދަދު ތަކާއި މެދު އިސްރާއީލުން ސަމާލުކަމެއް ނުދެއެވެ. އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ވަނީ ޣައްޒާގެ 15000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައި ނުވަތަ މަރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަނޭ

    ތީ ހަގުރާމަ ހުއްޓާލާފަ އަސީރުން ބަދަލުކޮށްގެން އެމީހުން އެބެލީ ހަމާސް މީހުން ފިލައިތެބީ ސަރަހައްދު ގާތްގަޑަކަށް. ދެން މުޅި އެސަރަހައްދަށް ބޮންއަޅާ ސުއްނާފަތި ކޮށްލަން އެވިސްނީ. މީގަ ވާނެ ގޮތަކީ އިޒްރޭލާއެކް ވެވޭ ސުލުހައެއްނޯންނާނެ. އެއީވާނެކަމެެއްނޫން. ވީމާ އޮތީ ހަގުރާމަ ނުހުއްޓާ ކުރިޔާށް ދިއުން ނޫނީ އަޅުވެތިކަމުގައި ވޭނުގައި މަރުވެދިއުން.

  2. Anonymous

    ތީގެ ބޮމެއް އިޒްރޭލަށް ވެއްޓޭނެނަމަ ކިހާރަގަޅު އޭރުން އެނގޭނެ ބިސްގަރާސް ހަދާގެން އުޅެނީ ކޮންބައެއްކަން

    10
  3. ކަށިކެޔޮ އާދަނު

    އެމެރިކާއިން ޣާއްޒާ ސުންނާފަތިކުރަން އިޒްރޭލަށް އެހީއާއި ހުއްދަދީފި. ދިހައަހަރުދުވަސްވަންދެން ޣައްޒާ ނެތިކޮށްލުމުގެހުއްދަޔާއި އެހީ ފަރަންސޭސިވިލާތުން އިޒުރޭލަށްދީފި. ޖަރުމަނުވިލާތުން ފަލަސްތީނުގެރައްޔިތުން މަރާހުސްކުރުމުގެހުއްފަޔާއި އެހީ އިޒުރޭލަށްދީފި. އަރަބި އިސްލާމީ ގައުމުތަކުގެވެރިން ކުޅިބަލަން ފިނިކޮޓަރީގަ.

    12