ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ވަދެ ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން އިތުރު ދެ ސިފައިންގެ މީހަކު މަރާލައިފިއެވެ.

ނިރުބަވެރި އިސްރާއީލާއި ފަލަސްތީން ރައްޔިތުންގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައަށް މިއަދަށް 58 ދުވަސްވެފައިވާއިރު، ނިރުބަވެރިން އަންނަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންކަން ފާހަގަ ކޮށްލެވެއެވެ.

އެގޮތުން ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާތައް ދެމުން އަންނައިރު، ޣައްޒާ ތެރެއަށް ވަދެވެސް ނިރުބަވެރިން އަންނަނީ މުޖާހިދުންނާއި ކުރިމަތިލަމުންނެވެ. މި ކުރިމަތިލުންތަކުގައި މިހާތަނަށް ނިރުބަވެރިންގެ ގިނަ ސިފައިންގެ ބަޔަކު ވަނީ މަރާލާފައެވެ.

ނިރުބަވެރިން ހާމަކުރި ގޮތުގައި މި ހަނގުރާމައިގެ ތެރޭގައި އެމީހުންގެ އިތުރު ދެ ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސްޓާފް ސާޖެންޓް، ޝަލްވޫ ސަމާއާއި ސާޖެންޓް ފަސްޓް ކްލާސް، އޯ ބްރެންޑެސްއެވެ.

ނިރުބަވެރިން ބުނީ، ސަމާ މަރުވެފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

ނިރުބަވެރިން މުޖަހިދުންނާއި ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި މިހާތަނަށް 80 އާއި ގާތްކުރާ އަދަދެއްގެ ނިރުބަވެރި ސިފައިން މަރާލާފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.