ޣައްޒާގައި ހަލުވިކަމާއެކު ހެޕަޓައިޓިސް އޭ ފެތުރެމުުންދާ ކަމަށް އދ އިން ބުނެފިއެވެ.

ޣައްޒާގެ ޔޫއެންއާރުޑަބްލިއުއޭގެ ޑިރެކްޓަރު ތޯމަސް ވައި ވިދާޅުވީ ޣައްޒާގެ ސްކޫލެއްގައި ތިބި މީހުންގެ ތެރޭގައި ހެޕަޓައިޓިސް އޭ ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށާއި ބަލީގެ ނުރައްކާ ވަރަށް ބޮޑު ކަމަށެވެ.

ތޮއްޖެހިފައިވާ ސްކޫލްތަކުގައި ޣައްޒާގެ ރައްޔިތުން ދަނީ ބޯހިޔާވަހިކަން ހޯދަމުންނެވެ.

ތޯމަސް ވިދާޅުވާ ގޮތުގައި ހެޕަޓައިޓިސް އޭ އަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ފުރަމޭގެ އިންފެކްޝަނެއް އުފައްދާ ބައްޔެކެވެ. މިއީ އެންމެން ގުޅިގެން ނުވަތަ ތަޣައްޔަރުވެފައިވާ ކާނާ ނުވަތަ ބުއިން ކެއުމުން ފެތުރިދާނެ ބައްޔެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބީބީސީއަށް ދިން އިންޓަވިއުއެއްގައި ތޯމަސް ވިދާޅުވަނީ ކްލާސްރޫމްތަކުގައި މީހުން ގިނަވެ ހިޔާތަކުގެ ތެރޭގައި ސާފުތާހިރުކަން ބެލެހެއްޓުމުގައި ބޮޑެތި ދަތިތަކެއް ހުރިކަމަށާއި އެވްރެޖްކޮށް 150 މީހުން އެއް ފާޚާނާއެއްގައި ހިއްސާކުރާ ކަމަށެވެ.

ޣައްޒާގައި ހުންނަ ޔޫއެންއާރުޑަބްލިއުއޭގެ ޑިރެކްޓަރު ފާހަގަކުރެއްވި ގޮތުގައި ޣައްޒާގައި ބަލިޖެހުމުގެ ނުރައްކާ ބޮޑުވަނީ ފުރަތަމަ 1،500 މީހުންނަށް ޖާގަ ދިނުމަށް ފަރުމާކުރި ޔޫއެންއާރުޑަބްލިއުއޭ ސްކޫލްތަކުގައި މިހާރު ދެކުނު ސަރަހައްދުގައި 6،000 އަށް ވުރެ ގިނަ ފަރުދުން ގެންގުޅެމުން ދާތީ އެވެ.

އދ އިން ނެރުނު ރިޕޯޓެއްގައި ބުނާގޮތުން ޔޫއެންއާރުޑަބްލިއުއޭގެހިޔާތަކުގައި ތޮއްޖެހުން ބޮޑުވުމާއި ސާފުތާހިރުކަމުގެ ހާލަތު ދަށްވުމުން، ބޭރަށްހިންގުން، ނޭވާލާ ނިޒާމުގެ ސީރިއަސް އިންފެކްޝަންތަކާއި، ހަމުގެ އިންފެކްޝަންތަކާއި، ސާފުތާހިރުކަމާ ގުޅުން ހުރި އުދަނގޫ ފަދަ ބައެއް ބަލިތަކާއި ހާލަތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

ޔޫއެންއާރުޑަބްލިއުއޭގެ ވެރިޔާ ފިލިޕް ލަޒާރީނީ ނޮވެމްބަރު 27 ވަނަ ދުވަހު ވިދާޅުވި ގޮތުގައި މިހާރު ޣައްޒާއަށް ފޯރުކޮށްދެމުންދާ އެހީއަކީ އިސްރާއީލުން ސްޓްރިޕް ބްލޮކޭޑް ކުރުމުން ލިބުނު ގެއްލުން ފޫބެއްދުމަށް ފުދޭވަރުގެ އެހީއެއް ނޫން ކަމަށެވެ.

"ހަނގުރާމައިގެ މުއްދަތު ފެށުނު ފަހުން އަޅުގަނޑުމެންނަށް ފެނިފައިވަނީ ޣައްޒާއަށް ވަންނަ ޓްރަކްތައް ވަރަށް ބޮޑަށް އިތުރުވެފައިވާތަން. އަޅުގަނޑު ދަންނަވާނީ ފުރަތަމަ ދުވަހު އަޅުގަނޑުމެންނަށް އެވްރެޖްކޮށް 40 ޓްރަކް ލިބުނު، އެއީ އިންތިހާއަށް ބޭނުންވާ ވަރަށް ވުރެ މާ މަދު ކަމެއް." ސީބީއެސްގެ "ފޭސް ދަ ނޭޝަން" އަށް ދިން އިންޓަވިއުއެއްގައި ލައްޒާރީނީ ބުންޏެވެ.

ސިއްހަތާއި ފެނާއި ސާފުތާހިރުކަމުގެ ނިޒާމުތަކަށް ބުރޫއަރާ އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން ޣައްޒާގައި ފަތުރުވެރި ބަލިތައް ހަލުވިކަމާއެކު ފެތުރެމުންދާ ކަމުގެ އިންޒާރު ޑަބްލިޔުއެޗްއޯއިން ވަނީ ތަކުރާރުކޮށް ދީފައެވެ.