ފާއިތުވި 24 ގަޑިއިރު ތެރޭ ނިރުބަވެރިން ޣައްޒާގެ 700 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ޣައްޒާގައި ހުންނަ ސަރުކާރު މީޑިއާގެ ޑިރެކްޓަރ ޖެނެރަލް އާއި ހަވާލާދީ މީޑިއާތަކުން ބުނީ، މީގެ ކުރިން ނިރުބަވެރިންނާއި ހަމާސްގެ މުޖާހިދުންނާއި ދެމެދު އެކުލަވާލި އެއްބަސްވުން މިދިޔަ ހުކުރު ދުވަހު ނިމުމާއި އެކީ ގިނަ ބަޔަކު ޝަހީދު ކޮށްލާފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ވެސް 700 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރު، 700 އަށްވުރެ ގިނަ މީހަކު ޝަހީދު ކޮށްލާފައިވާއިރު، މިހާރު 1.5 މިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

ޣައްޒާގެ ގިނަ ބަޔަކު ޝަހީދުކޮށްލާފައިވާއިރު، ނިރުބަވެރިން އަންނަނީ ހަމަލާތަކުގައި ޒަހަމްވާ މީހުންނަށް ފަރުވާ ދިނުމަށް ދެކޮޅު ހަދަމުންނެވެ. އެގޮތުން ބަލި މީހުންނަށް ހޮސްޕިޓަލްތަކަށް ނުދެވޭނެ ގޮތަށް އެމްބިއުލާންސްތަކަށް ހުރަސް އެޅުމާއި ހޮސްޕިޓަލްތަކަށް ހަމަލާދިނުން ހިމެނެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށުނު މިހަނގުރާމައިގެ ތެރެއިން މިހާތަނަށް ޣައްޒާއިން 15،000 އަށްވުރެ ގިނަ މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ރިޕޯޓް ކޮށްފައެވެ.