ފަލަސްތީނުގެ ޣައްޒާ ސިޓީގެ އަވަށްތަކަށް ތެޔޮ މަދުވުމުގެ ސަބަބުން ކޮންމެ ވަގުތަކުވެސް ފެނުގެ ސަޕްލައި މެދުކެނޑުމާ ގާތްވެފައިވާ ކަމަށް ޣައްޒާ މުނިސިޕަލްޓީން ބުނެފިއެވެ.

އިސްރާއީލާއި ޣައްޒާއާ ދެމެދު މިހާރު ކުރެވެމުންދާ ހަނގުރާމަ އަށް ދެ މަސް ވާން ވަނީ ކައިރިވެފައެވެ. ޣައްްޒާގެ އެތަންމިތަނަށް ބޮން އަޅާ، ޣައްޒާއަށް އެހީ ލިބުންވެސް މެދުކަނޑާލާފައިވާއިރު، ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް އުޅެމުން ދަނީ ބިރުވެރިކަމާއި ނިކަމެތި ކަމުގެ ތެރޭގައެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ހުއްޓުމެއް ނެތި ބޮން އަޅާ، އެތައް ބަޔަކު ޒަހަމްކޮށް، އެތައް ބަޔަކު ޝަހީދުކޮށްލާަފައިވާއިރު، އެއްބަސްވުމެއްގެ ދަށުން ހަތް ދުަވަހަށް ހަނގުރާމަ މެެދުނޑާލި މުއްދަތުގައި ޣައްޒާގެ އެތެރެއަށް ފުދޭ ވަރަކަށް އެހީތައް ލިބެމުން ގޮސްފައި ވެއެވެ.

އެހެން ނަމަވެސް އަނެއްކާވެސް ހަނގުރާމަ ފަށާ ވަރުގަދަ ކުރަމުންދާއިރު، ޣައްޒާއަށް އެހީ ލިބުން އަނެއްކާވެސް މި ވަނީ ވަރަށް ބޮޑަށް މެދުކެނޑިގެން ގޮސްފައެވެ.

ޣައްޒާ މުނިސިޕަލްޓީއާ ހަވާލާދީ ގުދުސް ނެޓްވޯކް އިން ބުނީ، ޣައްޒާ ސިޓީގެ އަވަށްތަކަށް ތެޔޮ މަދުވުމުގެ ސަބަބުން ކޮންމެ ވަގުތަކުވެސް ފެނުގެ ސަޕްލައި މެދުކެނޑުމާ ގާތްވެފައިވާ ކަމަށެވެ.

މީގެ ކުރިން އިސްރާއީލުން ޣައްޒާއަށް ފެނާއި ކަރަންޓް ކަނޑާލިއިރު، ކާބޯތަކެތި އެތެރެ ކުރުން އެތައް ދުވަހަކަށް ހުއްޓުވާ ދަތި ކުރިއެވެ.