ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އެތްލީޓުންނާއި ކުޅިވަރާއި އެކިގޮތްގޮތުން ގުޅިފައިވާ 64 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުން ބުނެފިއެވެ.

ފަލަސްތީނުގެ އޮލިމްޕިކް ކޮމިޓީން އާއި ހަވަލާދީ އެގައުމުގެ ނޫހެއް ކަމަށްވާ ވަފާ އިން ބުނެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށުނު ހަނގުރާމައިގެ ތެރޭގައި މިހާތަނަށް 47 އެތްލީޓުންނާއި 17 ޓެކްނީޝިއަނުން އަދި އެޑްމިނިސްޓްރޭޓަރުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ.

ނިރުބަވެރިން ޝަހީދުކޮށްލާފައިވާ އެތްލީޓުންގެ ތެރޭގައި އުމުރުން ހަ އަހަރުގެ ކަރާޓޭ ކުޅުންތެރިއެއް ކަމަށްވާ ޔާސްމިން ޝަރަފް ވެސް ހިމެނެއެވެ. ޔާސްމީނަކީ ހިތްވަރު ދައްކަމުން އަންނަ ކުއްޖަކަށްވީއިރު، އެކުއްޖާގެ ހުވަފެނަކީ ބައިނަލްއަގުވާމީ މުބާރާތެއްގައި ފަލަސްތީން ތަމްސީލު ކުރުމެވެ.

ފަލަސްތީނުގެ އޮލިމްޕިކް ކޮމިޓީން ބުނީ، ނިރުބަވެރިން ދެމުން އަންނަ ހަމަލާތައް ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހުންނަ ކުޅިވަރުތަކާއި ބެހޭ އިދާރާތަކަށް ދީފައިވާ ކަމަށެވެ. އެގޮތުން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް ސްޓޭޑިއަމް، ބެއިތް ހަނޫން ސްޓޭޑިއަމް، އެކުއެސްޓްރެއިން ކްލަބްތައް، ބޭސްބޯލް ފީލްޑްގެ އިތުރުން ޣަައްޒާގެ އެކި ސަރަހައްދުތަކުގައި ހިންގަމުން ދިޔަ މާޝަލް އާޓްސް ސެންޓަރުތައް ހިމެނެއެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު އިއްޔެ 17،000 އަށް އަރާފައިވާއިރު، މިހާރު މި އަދަދު އުޅެނީ 17،500 އަށްވުރެ ކުރީގައި ކަމަށާއި ރޭ ވެސް ޣައްޒާގެ އެކި ހިސާބުތަކަށް ނިރުބަވެރިން ހަމަލާދީފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.