ފަލަސްތީނުގެ އުތުރުގައި އޮންނަ ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ރޭ އިސްރާއީލުން ދިން ހަމަލާތަކުގައި 90 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކޮށްލައިފިއެވެ.

ނިރުބަވެރިންގެ މި ގަތުލުއާންމުގައި 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފައެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީ އާ ހަވާލާދީ ފަލަސްތީނުގެ ހަބަރުތައް ގެނެސްދޭ ވަފާ ނޫހުން ބުނެފައިވަނީ އިސްރާއީލުގެ ހަމަލާތައް އަމާޒުވެފައިވަނީ ޖަބަލިއާގެ އަލް ބަރްޝް އަދި އަލްވާން އާއިލާއަށް ނިސްބަތްވާ އިމާރާތްތަކަށް ކަމަށެވެ.

ވަފާ އިން ބުނެފައިވާ ގޮތުގައި ޝަހީދުވީ މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭއިރު، އެތައް ބަޔަކު އަދިވެސް ވަނީ ގެއްލިފައެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރެވެމުން ދާއިރު، އެތައް ބައެއްގެ ހަށިތައް އަދިވެސް ވަނީ އިމާރާތްތަކުގެ ބައިތަކުގެ ދަށުގައި ކަމުން ޝަހީދުވީ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

މި ހަމަލާ ތަކުގައި ޝަހީދުވީ މީހުންގެ ތެރޭގައި ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުގެ ތަރުޖަމާނު ދާއޫދު ޝިހާބުގެ ފިރިހެން ދަރިފުޅު ހިމެނޭ ކަމަށް އެ ޖަމާއަތުގެ އޮފިޝަލަކު ވަނީ ބުނެފައެވެ.

"ގަބޫލު ކުރެވޭ ގޮތުގައި އިމާރާތްތަކުގެ ބައިތަކުގެ ދަށުގައި ތިބި ޝަހީދުވެފައިވާ މީހުންގެ އަދަދު ވަރަށް ގިނ،ަ އެކަމަކު އިސްރާއީލުން ދެމުން ގެންދާ ހަމަލާ ތަކުގެ ވަރުގަދަ ކަމުން އެ ބައިތައް ނަގާ، އެ ހަށިގަނޑުތައް ހޯދާނެ އެއްވެސް ގޮތެއް ނެތް." އޮފިޝަލްް ބުނެފައި ވެއެވެ.

ޖަބަލިއާގެ އިތުރުން އިސްރާއީލުން ވަނީ ނުސެއިރަތް ރެފިއުޖީ ކޭމްޕަށްވެސް ހަމަލާދީ 15 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. އަދި ދީރުލް ބަލާހް ގައި 12 މީހުން ޝަހީދު ކޮށްލާފައި ވާއިރު ރަފާހް ގެ ގެއަކަށް ދިން ހަމަލާއެއް ގައި 4 މީހުން ވަނީ ޝަހީދުވެފައެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ޝަހީދުކޮށްލި ޣައްޒާގެ ރައްޔިތުންގެ އަދަދު 19000 އަށް ވުރެ މައްޗަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮއިކޮޓް އިޒްރޭލު

    އެންމެންވެސް ފަރުދީ ޒިންމާ އަދާކުރަމާ. ދުއާ ކޮށްދިނުމުގެ އިތުރުން އިޒުރޭލަށް ފަންޑުކުރާ ކުންފުނިތަށް ބޮއިކޮޓް ކުރަމާ.
    ނެސްލޭ، ކޮކަކޯލާ ކުންފުނި، ޕެޕްސިކޯ، ލޮރިއާލް، ޔުނިލެވާރ، އެޗްޕީ، ކޭއެފްސީ.