އިތުރު ޝިޕިންގް ކުންފުންޏަކުން އިސްރާއީލަށް މުދާ އުފުލުން މެދު ކަނޑާލައިފިއެވެ.

އެގޮތަށް ނިންމާފައި ވަނީ ހޮންގްކޮންގް އިން މަސައްކަތް ކުރާ ޝިޕިންގް ކުންފުނި އޯއޯސިއެލް އިންނެވެ.

އެ ކުންފުނިން ބުނެފައިވަނީ އިސްރާއީލަށް މުދާ އުފުލުން މެދުކަނޑާލީ "އޮޕަރޭޝަނަލް މައްސަލަތަކަކާ" ހެދި ކަމަށެވެ.

ނަމަވެސް އެ ކުންފުނިން އިސްރާއީލަށް މުދާ އުފުލުން މެދު ކަނޑާލާފައި މިވަނީ ޔަމަނުގެ ހޫތީންގެ ހަމަލާތަކުގެ ސަބަބުން އިތުރު އެހެން ޝިޕިންގް ކުންފުނިތަކުންވެސް ރަތް ކަނޑުން ދަތުރު ކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ދަނޑިވަޅެއްގައެވެ.

ދުނިޔޭގެ އެންމެ ބޮޑު ޝިޕިންގް ގްރޫޕް އެމްއެސްސީ ގެ ބޯޓަކަށް ދިން ހަމަލާއަކަށް ފަހު، ރަތް ކަނޑާއި މެޑިޓެރެނިއަން ކަނޑު ގުޅުވާލަދޭ ސެއޭޒް ކެނަލް އިން ދުރަށް އެ ކުންފުނީގެ ބޯޓުތަކުގެ މިސްރާބު އަނބުރާލަން ނިންމާފައިވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހު އެ ކުންފުނިން ވަނީ ބުނެފައެވެ.

އޭގެ ކުރިން ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންގް ކުންފުނި ކަމަށްވާ ޑެންމާކުގެ މައެސްކު އަދި ޖަރުމަނުގެ ކޮންޓެއިނަރ ލައިން ހަޕަގް ލޮއިޑް އިންވެސް ވަނީ އެ ސަރަހައްދުން ދަތުރު ކުރުން ވަގުތީ ގޮތުން މެދު ކަނޑާލާފައިވާކަން އިއުލާނު ކޮށްފައެވެ.

އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ފެށިފަހުން ރަތް ކަނޑުން ދަތުރު ކުރާ ބޯޓުފަހަރަށް ހޫތީން ހަމަލާ ދެމުން ގެންދާ އިރު އެމީހުން ބުނެފައިވަނީ ހަމަލާ ދެނީ އިސްރާއީލަށް ދަތުރު ކުރާ ބޯޓު ފަހަރަށް ކަމަށެވެ.

ހޫތީން ބުނެފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދެން ދެން އިސްރާއީލުގެ ބަނދަރުތަކަށް މިސްރާބު ޖަހާ ހުރިހާ ބޯޓުތަކެއް ހުއްޓުވާނެ ކަމަށެވެ. އަދި އިސްރާއީލުގެ ބަނދަރުތައް ފިޔަވައި ދުނިޔޭގެ އެހެން ބަނދަރުތަކަށް ދަތުރުކުރާ އެއްވެސް ބޯޓަކަށް އެއްވެސް ގެއްލުމެއް ނުދޭނެ ކަމުގެ ޔަގީންކަންވެސް ހޫތީން ވަނީ ދީފައެވެ.