ފަލަސްތީނުގެ ޣައްޒާ އަށް ވަދެ ހަނގުރާމަ ކުރަމުން ދަނިކޮށް އިސްރާއީލުގެ ސިފައިންގެ އިތުރު ހަތަރު މީހަކު މަރާލައިފިއެވެ.

މިއާއެކު، ޣައްޒާ އަށް ވަދެ ހަނގުރާމަ ކުރަނިކޮށް މަރާލި އިސްރާއީލް ސިފައިންގެ އަދަދު 126 އަށް ވަނީ އަރައިފައެވެ.

ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ނިރުބަވެރި އިސްރާއީލާ ދެމެދު ހަނގުރާމަ ފެށިފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މި ހަނގުރާމައިގެ ފުރަތަމަ ދުވަސްކޮޅު ޣައްޒާގެ ތެރެއަށް ވަދެ ނިރުބަވެރިން ހަމަލާ ދިނުމުގެ ބަދަލުގައި އެމީހުން ވަނީ ވައިގެ މަގުން ޣައްޒާ އަށް ބޮން އަޅައިފައެވެ.

ނިރުބަވެރި އިސްރާއީލުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެމީހުންގެ 400 އަށް ވުރެ ގިނަ ސިފައިން ވަނީ މަރާލައިފައެވެ. ހަމާސްގެ ހަމަލާތަކުގައި އެންމެ ފަހުން މަރުވެފައި ވަނީ އުމުރުން 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެކެވެ. މި އެންމެން ވެސް މަރުވެފައި ވަނީ އިއްޔެ ހަމާސް އިން ދިން ހަމަލާތަކުގައި ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

މި ހަމަލާތަކުގައި އިއްޔެ ވެސް ބައެއް ސިފައިންނަށް އަނިޔާ ލިބިފައިވާ ކަމަށެވެ.