ގޫގަލްގެ އެތައް މުވައްޒަފުން ވަޒީފާއިން ވަކި ކުރުން އެ ކުންފުނީގެ ސީއީއޯ ދިފާއު ކޮށްފިއެވެ.

ގޫގަލް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުންޏެވެ. އެތައް ހާސް ބަޔަކު ވަޒީފާ އަދާކުރަމުންދާ ގޫގަލް އަކީ އަބަދުވެސް މުވައްޒަފުންނަށް ރަނގަޅު ކުންފުންޏެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ކުންފުންޏެކެވެ.

ނަމަވެސް މިދިޔަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި އިޤްތިސޯދީ ހީނަރުކަމުގެ އަސަރުތައް ގޫގަލް އަށް ވެސް ވަނީ ކޮށްފައެވެ. އަދި ގޫގަލްގެ 25 އަހަރުވީ ތާރީހުގައި ނުކުރާ ކަމެއް ކުރަން އެ ކުންފުންޏަށް މަޖުބޫރުވެ، 12000 މުވައްޒަފުން ވަޒީފާއިން ވަކި ކުރިއެވެ.

ގޫގަލްގެ ސީއީއޯ ސުންދަރު ޕިޗާއީ މިފަހުން މި ވަނީ މި ނިންމުމާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

ގޫގަލް ގެ ވެރިންނާއި މުވައްޒަފުންގެ ތެރޭގައި ބޭއްވި ބައަދަލުވުމެއްގައި މުވައްޒަފަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސުންދަރު ވިދާޅުވީ އެ ނިންމުމަކީ ދަތި އުނދަގޫ ނިންމުމެއް ކަމަށާއި، ނަމަވެސް އެއީ ކުންފުންޏަށް ކައިރި މުސްތަޤްބަލުގައި ކުރިމަތިވެދާނެ އިޤްތިޞޯދީ ކާރިސާ އަކުން ސަލާމަތް ވުމަށްޓަކައި ކޮންމެހެން ނަގަން ޖެހުނު ފިޔަވަޅެއް ކަމަށެވެ.

ވީމާ އެއީ އުނދަގޫ ނަމަވެސް މުހިއްމު ނިންމުމެއް ކަމަށް ސުންދަރު ވިދާޅުވިއެވެ. އަދި މިއީ 25 އަހަރު ތެރޭގައި މިކަހަލަ ކަމެއް ކުރިމަތިވި ފުރަތަމަ ފަހަރު ކަމަށާއި، ނަމަވެސް އެ ނިންމުން އެއީ އެންމެ ރަނގަޅު ނިންމުން ކަމަށް ސުންދަރު ވަނީ ވިދާޅުވެފައެވެ.

ގޫގަލް އަކީ އަބަދުވެސް މުވައްޒަފުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް ބަލާ ކުންފުންޏެއް ކަން ފާހަގަ ކުރަމުން ސުންދަރު ވިދާޅުވީ މި ކަހަލަ ދެވަނަ ހާދިސާ އެއް ގޫގަލް އަށް ކުރިމަތިނުވާނެ ގޮތަށް ކުންފުނީގެ އިދާރީ އަދި މާލީ އޮނިގަނޑުތަށް ބަދަލު ކޮށްފައިވާނެ ކަމަށެވެ.

ގޫގަލް އަކީ އެމެރިކާގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. އަދި ގޫގަލް އަކީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސާޗް އިންޖީނެވެ. ގޫގަލްގެ އެކި އެކި ހިދުމަތްތައް އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރަށް ތަރައްގީ ވަމުންނެވެ. އެ ގޮތުން ފޯން އޮޕަރޭޓިން ސިސްޓަމް އެންޑްރޮއިޑް އާއި ޔޫޓިއުބާއި އަދި ގޫގަލް ސުޓޯރޭޖް ސާވިސްތައް ފާހަގަ ކޮށްލެވެއެވެ. މިހާރު އާޓިފިޝަލް އިންޓެލިޖެންސް ގެ މާކެޓަށް ވެސް ގޫގަލް އިން ވަނީ ނުކުމެފައެވެ. މީގެ އިތުރުން ސުމާޓް ފޯން މާކެޓްގައި ވެސް ގޫގަލް އިން ދަނީ ހަރަކާތްތެރިވަމުންނެވެ.