ސައުދީ އަރަބިއްޔާއިން ފްރާންސްގެ ފައިޓަރ ޖެޓް ގަތުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

ސައުދީ އަކީ އެ ގައުމުގެ އަސްކަރިއްޔާ ވަރުގަދަ ކޮށް ޒަމާނީ ކުރުމަށްޓަކައި ކޮންމެ އަހަރެއްގައި ވެސް ބިލިއަނުން ހޭދަ ކުރާ ގައުމެކެވެ.

އެގައުމުގެ ވައިގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށްޓަކައި މިހާރު އެ ގައުމުން ދަނީ ފުރާންސްގެ މޮޅު ފައިޓަރ ޖެޓް ރަފައޯލް ޑެސޯލްޓް ގަތުމަށް ފުރާންސް ކުންފުންޏާއި އެކު މަޝްވަރާތައް ކުރަމުންނެވެ.

ފުރާންސްގެ ޑަފޯލްޓް ކުންފުނީގެ ސީއީއޯ އެރިކް ޓުރިޕިއާ ވަނީ ސައުދީ އަރަބިއްޔާ އަށް 54 ޖެޓް ވިއްކުމުގެ މަޝްވަރާތައް ކުރިއަށްދާ ކަން އެސޯސިއޭޓް ޕުރެސް އަށް ކަށަވަރު ކޮށްދީފައެވެ.

މި ކަމުގައި ސައުދީ އަށް އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ ސައުދީގެ ވައިގެ އަސްކަރިއްޔާ ވަރަށް ބޮޑަށް ޒަމާނީވެ ވަރުގަދަވާނެ ކަމަށް އަސްކަރީ ކަންކަން ދިރާސާ ކުރައްވާ މުފައްކިރުން ވިދާޅުވެއެވެ. މިހާރު ވެސް ސައުދީ އަސްކަރިއްޔާ އިން ދަނީ ދުނިޔޭގެ ނަން މަޝްހޫރު 4 ވަނަ ޖެނަރޭޝަންގެ މޮޅު ފައިޓާ ޖެޓްތައް ބޭނުން ކުރަމުންނެވެ. އެ ގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ބޮއިންގް އެފް-15 އެސް އޭ އަދި ޔޫރޯ ފައިޓާ ޓައިފޫން އެވެ.

ސައުދީ އަރަބިއްޔާއަކީ މުސްލިމު ދުނިޔޭގައި އެންމެ ނުފޫޒު ގަދަ ގައުމެވެ. ބިމުގެ ގޮތުންނާއި އިޤުތިޞޯދީ ގޮތުން ބެލިޔަސް ސައުދީ އަކީ މިހާރު މެދުއިރުމަތީގައި ބޮޑު ބާރެކެވެ. ތެލުގެ މުއްސަދިކަން އިންތިހާ އަށް ލިބިފައިވާ ސައުދީން މިހާރު މަސައްކަތް ކުރަނީ އެގައުމުގެ އަސްކަރިއްޔާ ޒަމާނީ އާލާތްތަކުން ވަރުގަދަ ކުރާށެވެ. މި ޒަމާނުގެ އެންމެ ފަހު ހަތިޔާރުތަށް ހޯދާށެވެ. މިއީ ސައުދީ އަކީ އަސްކަރީ ގޮތުން ވެސް ވަރުގަދަ ގައުމަކަށް ހަދައި، އެ ގައުމުގެ ނުފޫޒު މެދުއިރުމަތީގައި އިތުރަށް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ ކަމަކެވެ.

ސައުދީން މީގެ ކުރިން ފަރެންސޭސިވިލާތުން އެކި ކަހަލަ އަސްކަރީ އާލާތްތަކާއި މެޝިނަރީ ގަތް ކަމުގައި ވީނަމަވެސް، މިއީ ހަނގުރާމަ މަތީ މަތިންދާބޯޓު ގަތުމަށް އެ ގައުމާއި އެކު ވެވޭ ފުރަތަމަ އެއްބަސްވުމެވެ.

ސައުދީން މި މަރުކާގެ އަސްކަރީ ހަނގުރާމަ މަތީ މަތިންދާބޯޓު ގަތުމަށް ޝައުގުވެރިވީ އެ ގައުމުން ގަންނަން ބޭނުންވި ވަރަށް ޔޫރޯ ފައިޓާ ޓައިފޫން ޖެޓުތައް ނުލިބުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ސަބަބަކީ ޔޫރޯ ފައިޓާ އަކީ ޖަރުމަނުވިލާތާއި އިޓަލީވިލާތާއި އަދި އިނގިރޭސިވިލާތް ގުޅިގެން އުފައްދާ އުޅަނދަކަށް ވާތީ އޭގެ އެއްވެސް މުއާމަލާތެއް ކުރުމުގެ ކުރިން ހުރިހާ ގައުމެއްގެ ރުހުން ބޭނުން ވާތީއެވެ.

ޖަރުމަނުވިލާތުން ދަނީ ސައުދީ އަރަބިއްޔާއިން ގެންގުޅޭ އިންސާނީ ހައްގުތަކާއި ބެހޭ ސިޔާސަތުތަކަށް ވަރަށް ހަރުކަށި ކޮށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް ނޫސްވެރިޔާ ޚަޝޯގީ މަރާލި ހާދިސާ އަށް ފަހު ދެ ގައުމުގެ ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ތުރުކީ ވިލާތަށް ވެސް ޔޫރޯ ފައިޓާ ޓައިފޫން މަރުކާގެ މަތިންދާބޯޓުތައް ނުލިބުނީ ޖަރުމަނުވިލާތުން އެކަމަށް ނުރުހުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަހުފާ.

    ސައުދީ އަސްކަރީގޮތުން ބާރުގަދަވީމަ ގެއްލުންވާނީ މުސްލިމުންނަށް އެމީހުންގެ ދުސްމަނުންނަކީ މުސްލިމުން. ވައްހާބީ ފަލްސަފާ ގަބޫލުނުކުރާ ކޮންމެ މުސްލިމަކީ މުސްލިމެއް ނޫންކަމަށް އެމީހުން ގޮވާލާ.

    1
    1
  2. ތަމީމް

    ތިޔަ މުއްސަނދިކަމުގެ ބޭނުންކޮށް ހުނަރާ ޢިލްމު ފުޅާކޮށް މީހުން ތަމްރީނުކޮށް އަމިއްލައަށް ތި ބޭނުންވާ ތަކެތި އުފައްދަންވީ. ކާފަރުންނަށް ބަރޯސާވާކަށް ނުޖެހެ.