ފަލަސްތީނުގެ އުތުރުގައި އޮންނަ ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ރޭ އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދާއެކު 24 ގަޑިއިރު ތެރޭގައި ޝަހީދުވި މީހުންގެ އަދަދު 151 އަށް އަރައިފިއެވެ.

ނިރުބަވެރިން ހިންގާ މިފަދަ ގަތުލު އާންމުތަކުގައި ޝަހީދުވާ މީހުންގެެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދެއެެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީ އާ ހަވާލާދީ ފަލަސްތީނުގެ ހަބަރުތައް ގެނެސްދޭ ގުދުސް ނެޓްވޯކް އިން ބުނީ ޣައްޒާގައި ފާއިތުވެދިޔަ ގަޑިއިރުތަކެއްގެ ތެރޭގައި ޣައްޒާގައި ދެމުންގެންދާ ހަމަލާތަކުގައި އިތުރު 151 މީހަކު ޝަހީދުކޮށްލާފައިވާ ކަަމަށެވެ. އަދި 313 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ ތެރޭގައި ގިނައީ ޖަމަބަލިއާ ކޭމްޕަށް ދިން ހަމަލާގައި ޝަހީދުވި މީހުންނެވެ.

ވަފާ ނޫހުން ބުނެފައިވާ ގޮތުގައި ރޭގެ އެ ހަމަލާތަލުގައި ޝަހީދުވީ މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭއިރު، އެތައް ބަޔަކު އަދިވެސް ވަނީ ގެއްލިފައެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރެވެމުން ދާއިރު، އެތައް ބައެއްގެ ހަށިތައް އަދިވެސް ވަނީ އިމާރާތްތަކުގެ ބައިތަކުގެ ދަށުގައި ކަމުން ޝަހީދުވީ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް 7،729 ކުޑަކުދިންނާއެކު 19،453 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ އާ ތަފާސް ހިސާބުތަކުން ދައްކައެއެވެ.

އަދި ޒަހަމްވި މީހުންގެ އަދަދު 52،286 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި 8،663 ކުޑަކުދިން ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.