ޗައިނާ އަށް ބާރުގަދަ ބިންހެލުމެއް އައިސް 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ޗައިނާގެ ގަންސޫ ޕްރޮވިންސަށް މި ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 6.2 ގެ ބާރުމިނުގައެވެ. ބިންހެލުމުގައި އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓު ކޮށްފައެވެ.

ބިންހެލުން އައި ވަގުތު ބައެއް އިމާރާތްތައް ބިމާއި ހަމަވަމުން ދިޔައިރު، އެތައް ބަޔަކު މަގުތައް މައްޗަށް ނުކުންނަމުން ދިޔަ ކަމަށް ދައުލަތުގެ ބްރޯޑްކާސްޓަރ ސީސީޓީވީ އިން ބުނެފައި ވެއެވެ. ސީސީޓީވީ އިން ބުނެފައިވަނީ ގަންސޫ އިން މަދުވެގެން 100 މީހުން މަރުވެފައި ވާއިރު، ޖެހިގެން އޮތް ޒިންގްހައިގެ ހައިޑޮންގް ސިޓީ އިން 11 މީހުން މަރުވެފައިވާ ކަމަށެވެ.

ބިންހެލުމުގެ ސަބަބުން އެ ސަރަހައްދުގެ ބައެއް އަވަށްތަކުން ކަރަންޓާއި ފެނުގެ ހިދުމަތް ވަނީ ކެނޑިފައެވެ. މީހުން ސަލާމަތް ކުރުމާއި ހިދުމަތްތައް އަލުން ފޯރުކޮށްދިނުމަށް ހުރިހާ މަސައްކަތެއް ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ވަނީ ގޮވާލައްވާފައެވެ.

މި ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިން، ޗައިނާ ގަޑިން ރޭ 11:59 ގައެވެ.

ގަންސޫގެ އާބާދީގައި ގާތްގަނޑަކަށް 26 މިލިއަން މީހުން ދިރިއުޅޭ އިރު، ޗައިނާ އަށް މީގެ ކުރިންވެސް ވަނީ ބިންހެލުންތައް އައިސްފައެވެ. އެގޮތުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ސިޗުއާން ޕްރޮވިންސަށް 6.6 މެގްނިޓިއުޑް ބާރުމިނުގައި އައި ބިންހެލުމެއްގައިވެސް 100 އެއްހާ މީހުން ވަނީ މަރުވެފައެވެ.

އަދި 2008 ވަނަ އަހަރު ސިޗުއާން އަށް 7.9 މެގްނިޓިއުޑް ބާރުމިނުގައި އައި ބިންހެލުމެއްގައި 87،000 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އެވަގުތު ސުކޫލުތަކުގައި ކިޔަވަން ތިބި 5335 ކުޑަކުދިން ހިމެނެއެވެ.

އަދި ޗައިނާގެ ތާރީހުގެ އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާއަކީ 1976 ވަނަ އަހަރު ޓަންގްޝަން އަށް އައި ބިންހެލުމެކެވެ. އެ ބިންހެލުމުގައި 242،000 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުސްތާޒް

    ޗައިނާއަށް އައި ބިންހެލުމާ ގުޅިގެން ގިނަ ބަޔަކު މަރުވެ އެތަކެއް ގެއްލުން ލިބިފައިވާއިރު އަދި ދިވެހި ސަރުކާރުން އެކަމަށް ބަހެއް ބުނެލާފަވެސް ނުވޭ، އެކަމަކު ލޯނުތަށް ރިސްޓަކްޗާރ ނުކުރެވިގެން ހީވަނީ ހިނިއަރާގެން އުޅޭހެން

    1
    2