ފަލަސްތީނުގެ ޣައްޒާ އަށް ވަދެ ހަނގުރާމަ ކުރަމުން ދިޔަ އިސްރާއީލް ސިފައިންގެ ދެ ނިރުބަވެރިއަކު މަރާލައިފިއެވެ.

މިއާއެކު، އިސްރާއީލުން ޣައްޒާ އަށް ވަދެ ކުރަމުން އަންނަ ހަނގުރާމައިގައި މަރާލި ސިފައިންގެ އަދަދު 131 އަށް ވަނީ އަރައިފައެވެ.

އިސްރާއީލުން އިއުލާން ކުރި ގޮތުގައި އެންމެ ފަހުން މަރާލާފައި ވަނީ ޕެރަޓްރޫޕާސް ބްރިގޭޑްގެ ރިޒާވިސްޓް ކޮމާންޑޯ ޔުނިޓްގައި ހިމެނޭ މާސްޓާ ސާޖަން ޑެނިއެލް ބެން ހަރޮޝް 31 އާއި ޔަހަލޮމް ޔުނިޓްގައި ހިމެނޭ ކޮމްބެޓް އިންޖިނިއަރިން ކޯޕްސްގެ ކޮމާންޑަރު ކެޕްޓަން ރޮތެމް ޔޮސެފް 24 އެވެ. ޔަހޮލެމް ޔުނިޓަކީ އިސްރާއީލްގެ އަސްކަރިއްޔާގެ އެލީޓް ޔުނިޓެކެވެ. މި ދެ ސިފައިންގެ މީހުން ވެސް މަރާލާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

އޭގެއިތުރުން އިއްޔެ ހިނގި ކުރިމަތިލުންތަކުގައި އިތުރު ދެ ސިފައިންގެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.

ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ނިރުބަވެރި އިސްރާއީލާ ދެމެދު ހަނގުރާމަ ފެށިފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މި ހަނގުރާމައިގެ ފުރަތަމަ ދުވަސްކޮޅު ޣައްޒާގެ ތެރެއަށް ވަދެ ނިރުބަވެރިން ހަމަލާ ދިނުމުގެ ބަދަލުގައި އެމީހުން ވަނީ ވައިގެ މަގުން ޣައްޒާ އަށް ބޮން އަޅައިފައެވެ.

ނިރުބަވެރި އިސްރާއީލުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެމީހުންގެ 400 އަށް ވުރެ ގިނަ ސިފައިން ވަނީ މަރާލައިފައެވެ.